ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓު ލާން ކުޑަތަން ވެފައިވާ އިރު، ވޯޓު ލުމުގެ ހައްގު ރައްޔިތުންގެ އަތުން ނިގުޅައިގަންނަން އިދިކޮޅުން ސިޔާސީ ޕާޓީ، ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.

ދެވަނަ ބުރުގައި ވޯޓު ލާން ރީރަޖިސްޓްރީ ވުމަށް ހުޅުވާލިތާ ދެ ދުވަސްތެރޭ 25،000 މީހުން ރީރަޖިސްޓާ ވުމަށް ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިދިކޮޅުގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން އެއްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ ވޯޓު ލުމުގެ ހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތް ހުއްޓާލައި ރައްޔިތުންނަށް ބަސް ބުނުމުގެ ހައްގު ދިނުމަށް ގޮވާލައްވާފައެވެ.

"އަބަދުވެސް އެ ބޭފުޅުންނަކީ ކަނޑައެޅިގެން ދޮގު ހަދަމުންދާ ބައެއް. ކުރީ އިންތިހާބުތަކުގައި ވެސް އެ ބޭފުޅުންގެ އަމަަލުތައް ހުރި ގޮތް ބައްލައްވާ ލެއްވީމަ އިނގޭނެ. އަދި އަޅުގަނޑު ގަބޫލު ކުރަނީ މިއީ އެބޭފުޅުން ރާވައިގެން ކުރައްވާ ކަމެއް. އެ ޕާޓީގެ ލީޑަރު [އަބްދުއްރަހީމް އަބްދުﷲ] އެ ވަނީ ގޮވާލައްވާފައި ރީރަޖިސްޓްރޭޝަން ފޯމްތައް ބާތިލްކޮށް އަލުން ހުޅުވާލާށޭ. ދެން އެކަމަށް އެއްބަސްވެވަޑައިނުގަތީމަ އެ ޕާޓީން މި ބުނަނީ އިލެކްޝަން ކޮމިޝަންގެ ޕޯޓަލް ހެކްކޮށްގެން މިކަމެއް ކުރެވޭތޯއޭ އެއުޅެނީ"
އެއްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ، މިއަދު ހަމަ ކުއްލި ގޮތަކަށް އެބޭފުޅުންނަށް [ޕީޕީއެމް] ރީރަޖިސްޓްރޭޝަންގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަވީ ކަމަށް ބުނެ، ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރީރަޖިސްޓްރޭޝަން ފޯމްތައް ބާތިލްކޮށް އަލުން ރީރަޖިސްޓްރޭޝަނަށް ހުޅުވާލަން ގޮވާލާފައިކަން ފާހަގަ ކުރައްވާފައެވެ. އަދި އަދުރޭ އެދިވަޑައިގެން ގޮތަށް އީސީން އަމަލު ނުކުރުމުން ރީރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު ތެރޭގައި އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ގިނަ ބަޔަކު ފޯމު ލާފައި ވާތީ، އިދިކޮޅު ކެންޑިޑޭޓް ކަންބޮޑުވުން ފާޅު ކުރެއްވުމުން އެއީ އެބޭފުޅުން ރާވައިގެން ކުރައްވާ ކަމެއް ކަމަށް އަނަސް ވިދާޅުވިއެވެ.

ވީހާވެސް ގިނަ ރައްޔިތުން ވޯޓުގައި ބައިވެރިވެ ވޯޓުގެ ހައްގުގެ ބޭނުން ހިފުމަށް ކުރަމުންދާ މަސައްކަތަކީ އެއީ އުފާ ކުރަންޖެހޭ ކަމެއް ކަމަށާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އެކަމަށް ހިތްވަރު ވެސް ދޭން ޖެހޭ ކަމެއްގެ ގޮތުގައި އަނަސް ފާހަގަ ކުރެއްވިއެވެ. މީގެ ކުރިން ބޭއްވި އިންތިހާބު ތަކުގައި ވެސް ގިނަ އަދަދެއްގެ މީހުން ރީރަޖިސްޓާ ވެފައިވާކަން ފާހަގަ ކުރައްވަމުން އަނަސް ވިދާޅުވީ، އެމްޑީޕީއަކީ ވީހާ ވެސް ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ހޯދައި ދިނުމައްޓަކައި ރިކޯޑް އަދަދަކަށް ރީރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމުގައި ހަރަކާތްތެރި ވެފައިވާ ޕާޓީއެއް ކަމަށެވެ.

"ވޭތިވެ ދިޔަ އިންތިހާބުތަކާ ހިލާފަށް މިފަހަރު އިލެކްޝަންސް ކޮމިޝަނުން އެ ވަނީ އެއަށް ވުރެ މާ ފަހިކޮށް ދީފައި. އޮންލައިންކޮށް އެކަން ކުރުމުގެ ފުރުސަތު. އޭގެ މާނައަކީ މިހާރަކު ނުޖެހޭނެ ކަރުދާހުން ޕްރިންޓްކޮށްފައި އޮތް ފޯމެއް ފުރާކަށް. އެބޭފުޅަކު ހުންނެވި ތާކުން މަގުމަތީގައި ހުންނެވިޔަސް، އޮފީހުގައި އިންނެވިއަސް، ކޮފީ މޭޒުގައި ހުންނެވިއަސް، ނޫނިއްޔާ އާރްޓީއެލް ފެރީއަކުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރިއަސް، ބަހުގައި އިންނަވައިގެން ވެސް މިކަން ކުރެވޭނެ"
އެއްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

ވޭތިވެދިޔަ އިންތިހާބުތަކާ ހިލާފަށް ރީރެޖިސްޓްރީ ވުމުގެ ކަންކަން މި ފަހަރު މާ ބޮޑަށް ފަހިކޮށްދީފައި ވާއިރު، އެ ހިދުމަތް ހޯދަން ފަސޭހަ ލުއި ގޮތެއް ހަމަޖައްސާފައި އޮތުމަކީ އެ ހިދުމަތަށް އެދޭ މީހުންގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމެއް ކަމަށް އަނަސް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކަންކަން އޮޅުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ކުރާ ތުހުމަތަކީ ކުރަން ޖެހޭ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް އަނަސް ވިދާޅުވިއެވެ.

ގިނަ ރައްޔިތުން ރަޖިސްޓްރީ ކުރަން ޕޯޓަލް ބޭނުން ކުރާ ކަމަށް ވަންޏާ އެކަމަށް މަރުހަބާ ވެސް ކިޔަން ވާނެ ކަމަށާއި އުފާ ވެސް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލާ މީހުންގެ ހައްގު ނިގުޅައިގަތުމުގެ ބަދަލުގައި މި ވަގުތު ކެމްޕެއިން ކުރުމުގައި ދެމި ތިބުމަށާއި ދެވަނަ ބުރަށް ތައްޔާރުވުމަކީ ކުރެވޭނެ ކަންކަން ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.