ރިޔާސީ ކެމްޕެއިންގެ ދެވަނަ ބުރުގައި ރަށްރަށަށް ކުރައްވާ ދަތުރުގައި ށ. ބިލެއްފަހީގެ އެއާޕޯޓް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، ބިލެއްފަހީގެ ފަޅުތެރޭގައި އެއާޕޯޓެއް އެޅުމުގެ ތަސައްވުރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތަސައްވުރެއް ކަމަށާއި ޔާމީންގެ ސަރުކާރުގައި ބިލެއްފަހީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެކަމަށް ވިދާޅުވެފައި ވާ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައިސް އެއާޕޯޓު ހެދުމުގެ މަޝްރޫއު ފެށިނަމަވެސް ކުރިއަށް ގެންދަނީ ވަރަށް ލަސްކޮށް ކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމުގައި ބާރު ސްޕީޑުގައި ތަރުތީބުކޮށް އެ މަޝްރޫއު ފަށާ ގޮތަށް ނިންމަވައި ދެއްވާނެ ކަމަށެވެ.

މި ސަރުކާރުން އެއާޕޯޓް އަޅަން 2021 ރަށްތަކެއް އިއުލާން ކުރި އިރު ށ. ބިލެއްފަހިވެސް ވަނީ ހިމަނާފައެވެ. އެ މަޝްރޫއަކީ 23.6 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކަން ޖުލައި 12، 2023 ގައި ސަރުކާރުން ވަނީ ކެޕިޓަލް މެރީން އެންޑް ކޮންސްތްރަކްޝަނާ ހަވާލު ކޮށްފައެވެ. އެ މަޝްރުގެ ދަށުން ބިލެއްފައްސަށް 56.34 ހެކްޓަރުގެ ބިން އިތުރު ކުރުން ހިމެނެއެވެ.

އަދި އެރަށު ފަޅުގައި ހައްދަވާނީ ރައްޔިތުން އުންމީދު ކުރާފަދަ އެއާޕޯޓެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ބިލެއްފައްސަށް ހުރި ބައެއް ވައުދުތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، ރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދަން ޖެހޭ ކަމަށާއި އެ މަސައްކަތުގެ އިތުރުން ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް އެ ރަށުގައި އަޅުއްވާނެ ކަމަށެވެ.

ކޮންމެ ރަށެއްގައިހެން ޒުވާނުންނަށް އަމާޒުކޮށް ހިންގަވާނެ ކަންކަން ފާހަގަ ކުރައްވަމުން ގެންދަވާ އިރު، ބިލެއްފަހީގެ ޒުވާނުންނަށް ވެސް އެ ޒުވާނުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުން ކުރެ ބޭފުޅަކަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

ކެމްޕެއިންގެ 2 ވަނަ ބުރަށް މުއިއްޒު އުތުރަށް މިހާރު ކުރައްވާ ދަތުރުގައި ހއ. ހދ އަދި ށ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެއެވެ.