ޖުމްހޫރީ ޕާޓީގެ ކައުންސިލް ގައި ހިމެނޭ ގިނަ މެންބަރުން އިިދިކޮޅު ޕީއެންސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރަން ނިންމައިފިއެވެ.

މިއަދު މެންދުރު 1:00 އިން ފެށިގެން ހަތަރު ގަޑިއިރަށް ދެމިގެންދިޔަ އެ ޕާޓީގެ ކައުންސިލްގެ 160 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ކުރިއަށް އޮތް ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީން ކެމްޕެއިން ކުރުމުގެ ތެރޭގައި، ދެއްކި ވާހަކަތަކީ ފެންނަން ހުރި ލިޔެކިޔުންތަކުގެ އަލީގައި ތެދުކަން ހާމަ ވާ ކަމަށާއި، އެހެން ކަމުން ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރާނެކަން ގާސިމް ވަނީ އެ ބައްދަލުވުމުގައި އިއުލާން ކުރައްވާފައެވެ.

ގާސިމް އެހެން ނިންމެވި އިރުވެސް އެ ޕާޓީގެ ކައުންސިލްގެ ގިނަ މެންބަރުން ތިބީ ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމައިގެމްނެވެ. 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން ކައުންސިލްގެ 50 ޕަސެންޓެއްހާ މެންބަރުން ތާއީދު ކުރަން ނިންމާފައި ވަނީ މުއިއްޒު އަށެވެ. އެމެންބަރުން އެކަން ރަސްމީކޮށް ހާމަނުކޮށް މިހާތަނަށް ތިބި ނަމަވެސް މިއަދު ޖޭޕީގެ ނިންމުމާއެކު ބައެއް މެންބަރުން ވަނީ ފާޅުގައި މުއިއްޒަށް ތާއީދު ކުރާކަން ހާމަ ކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ފަރާތުން ވާދަ ކުރެއްވި ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންފައި ވަނީ، 5460 ވޯޓެވެ. 22،607 މެންބަރުން ތިބި ޕާޓީއަށް އެހާ ދަށުން ވޯޓު ލިބުމުން ފާޑުކިޔުންތައް އަމާޒު ވި ނަމަވެސް، ދެވަނަ ބުރުގައި ގާސިމް އާ އެކު ކޯލިޝަން ހެދުމަށް ފުރަތަމަ ބުރުގައި 1 ވަނަ ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންވެސް ގާސިމާ ބައްދަލު ކުރިއެވެ.

ނަމަވެސް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ އިރުޝާދެއް އޮތުމުން ޕީޕީއެމްއިން ހުށަހެޅީ، ގާސިމް އިދިކޮޅާ ގުޅޭ ނަމަ އެއްވެސް ޝަރުތެއް ނެތި ގުޅުމަށެވެ. ގާސިމަކީ، މުދަލާއި، ފައިސާ އާއި ކެބިނެތްގެ މަގާމުތަކަށް ޑިމާންޑް ކުރައްވާނެ ބޭފުޅެއް ކަމުން، ޔާމީން އިރުޝާދު ދެއްވާފައި އޮތީ، ގާސިމާ ވާހަކަ ނުދެއްކުމަށެވެ.

ފުރަތަމަ ބުރުން މުއިއްޒާ 15 ހާސް ވޯޓުގެ ތަފާތުން 2 ވަނަ އަށް ދިޔަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ގާސިމާ އެކު ކޯލިޝަން ހައްދަވަން ދިގު މަޝްވަރާތަކެއް ކުރައްވާފައެވެ. އެއް ރޭ އެއް ދުވާ ވާންދެން ގާސިމްގެ ސަން އައިލޭންޑް ރިސޯޓުގައި ރައީސް ހުންނެވި އިރު، ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަން ހަދަން ގާސިމް އެއްބަސްވެ ވަޑައިގެންކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. ނަމަވެސް ކޯލިޝަން އެއްބަސް ވުމުގައި ސޮއި ކުރެއްވުމުގެ ކުރިން ކައުންސިލާ މަޝްވަރާ ކުރައްވަން ބައްދަލުވުން ބޭއްވި އިރު، ކައުންސިލްގެ މެޖޯރިޓީ އޮތީ ރައީސް ސޯލިހާ އެކު ކުރިއަށް ދާގޮތަށް ނޫންކަންވެސް "ދަ ޕްރެސް" އަށް އޮތީ އެނގިފައެވެ.

އެގޮތުން ރައީސް ސޯލިހާއެކު ކުރިއަށް ވާޑައިގަންނަވަން ގާސިމް ނިންމެވި ނަމަ، ޖޭޕީ ދޫކުރައްވާ ވަޑައިގަންނަވަން 40 އަށް ވުރެ ގިނަ ވެރިން [ކައުންސިލްގައި ލީޑާޝިޕް ލެވެލްގައި ތިއްބެވި ބޭފުޅުން] ތިއްބެވީ ތައްޔާރަށް ކަން ވެސް ވަނީ އެނގިފައެވެ.

ޖޭޕީގެ އަސާސީ އޮތް ގޮތުންނާއި، ލީޑަރަށް ދީފައި ވާ ބާރުތަކުގެ ދަށުން ކައުންސިލާ މަޝްވަރާ ކުރެއްވުމެއް ނެތި ކޯލިޝަން ހެދުމާ ގުޅޭގޮތުން ގާސިމަށް ގޮތް ނިންމެވޭނެއެވެ. ނަމަވެސް އޭނާ އިހުތިޔާރު ކުރެއްވީ، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން، ކައުންސިލަށް މައުލޫމާތު އޮޅުންފިލުއްވައި ދެއްވާށެވެ. އޭނާ ވިދާޅުވީ، 2 ވަނަ ބުރުގައި ޖޭޕީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކޮށް ސައިލެންޓް ކޮށް ތިބޭނީ ކަމަށާއި މަސައްކަތް ކުރާނީ ޕާޓީ އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.

ގާސިމްގެ މި ނިންމެވުމާއެކު އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ޕާޓީއަށްވެސް ޑިމޮކްރަޓްސް އާއެކު ކޯލިޝަން ހެދުން މި ވަނީ ނުހަނު މުހިންމު ކަމަކަށްވެފައެވެ.