ބްރިޖް ހައިވޭ އިން ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާޕެނެލް ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ހައިވޭ ހަތަރު ލޭން އިން ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާޕެނެލް ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު 7:10 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ. އެހެންނަމަވެސް ޓެކްސީ އަށާއި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެެ.

މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށެވެ.

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފެށުމާއެކު އޭރުވެސް ގިނަ ބަޔަކު ވަނީ އެ ޕަނަލްތައް ހައިވޭގައި ހަރުކުރުން ރައްކާތެރި ނޫން ކަމަށާއި، އެފަދަ އެކްސިޑެންޓުތައް ހިނގާފާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އެކަމާ ގުޅިގެން އޭރު އެންވާރަމަންޓް މިނިސްޓްރީ އާ ސުވާލު ކުރުމުން އެތާންގެ އޮފިޝަލަކު ވިދާޅުވީ، ސޯލާ ޕެނަލްތައް ރައްކާތެރި ކުރުމަށް ހައިވޭގައި ވެހިކަލް ދުއްވާ ލޭނާއި ޕެނަލްތަކާ ދެމެދު ފެންސެއް ނުޖެހި ނަމަވެސް ހުޅުމާލެއަށް އަރާ މަގުގައި ޕެނަލްތަކާއި މަގާ ދެމެދުގައި ފެންސެއް ޖަހާނެ ކަމަށެވެ. ނަމަވެސް އެކަން މިއަދާ ހަމައަށް ވެސް މިނިސްޓްރީން ކޮށްފައެއް ނުވެއެވެ.