ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ހައްގު އޮޅުވާލާނެ ކަމެއް ކަމަށާއި އެއީ މީސްތަކުން ހަމަ މަގުން އެއްކިބާ ކުރުވާނެ އަދި އެކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު އަމަލެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން،" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށެވެ.

މިއަދު ރާއްޖޭގެ މުއާސަލާތީ ހިދުމަތްތައް ތަރައްގީ ވެފައިވާ ވަރަށް ބަލާލާއިރު ކިތަންމެ ދުރުގައި ހިނގާ ކަމެއް ވިޔަސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީސްތަކުންނަށް އަންނަ ކަމަށާއި އެހެންކަމުން ދޮގު ވާހަކަތަކާއި ދޮގު ހަބަރުތައް އިހަށްވުރެ ބޮޑުވެފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ބުނީ، ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނުން ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަމަށެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ގަބޫލު ކުރެއްވުމުގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެން، ބުރައެއް ނެތް ހަޔާތަކުން ބުރަ ހަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިޔަކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނީ ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި މާތް ﷲ ދޫ ރައްކާތެރި ކުރުމަށް އަމުރު ކުރައްވާފައި ވާކަމަށެވެ.

ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.