ފުރިހަމަ ތައުބާއަކުން ތައުބާވެ ރަމަޟާން މަހަށް ކުރިމަތިލުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ރަމަޟާންމަހަށް ތައްޔާރުވުން" މި މައުޟޫއަށެވެ.

ހުކުރުހުތުބާގައި ބުނީ ރަމަޟާން މަހާ ކުރިމަތިލާއިރު އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ އަހަރެމެންގެ ހާޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާ ދުރުހެލިވެ، ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށެވެ. އަދި ރަމަޟާންމަހާ ކުރިމަތިލާން ވާނީ އެ މައްސަރުގެ ތަރުބަވީ މަދަރުސާއިން ނަފުސުތައް އިސްލާހުކޮށް، ހަޔާތުގެ އާ ސަފުހާތަކެއް ހުޅުވައިލުމުގެ މަތިވެރި އަޒުމާއެކު ކަމަށެވެ.

ރޯދަމަހަށް ތައްޔާރުވާންވީ ހަމައެކަނި ގޭތެރެ ރީތިކުރުމާއި ފަރުނީޗަރުތައް އާކުރުމާއި ކާބޯތަކެތި ގަނެ ޖަމައަކުރުމަކުންނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ އެ ކަންކުރުމަކީ އޭގެ ޒާތުގައި މައްސަލައެއްނޫން ކަމަށެވެ. އެހެންނަމަވެސް ބަރަކާތުން ފުރިގެންވާ ހެޔޮކަމުގެ ދުވަސްތަކަށް ތައްޔާރުވުމުގެ ނަމުގައި އިސްރާފުކުރުމުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ރަމަޟާންމަހާ ބައްދަލުކުރާ އިރު އެންމެ އިސްކަމެއް ދޭންޖެހޭނީ އެ މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހާސިލުކުރެވޭނެ ގޮތަކަށް ކަންކަން ރޭވުން ކަމަށެވެ. އަދި މި މަތިވެރި ދުވަސްތަކުގެ ފުރިހަމަ ދަރުމައާއި ސަވާބު ހާސިލުކުރެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން ހުތުބާގައި ގޮވާލާފައިވެއެވެ.

އެގޮތުން ހާރު ކެއުން ފަސްކުޅައުމާއި ފަރުޟު ނަމާދުތަކަށާއި ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި ކީރީތި ގުރްއާން ކިޔަވާ އިރު، ގުރްއާނާ މެދު ވިސްނައި ފިކުރުކުރުމާއި ގިނަގިނައިން ދުއާކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި ވަގުތުވުމުން ރޯދަވީއްލުން އަވަސްކުރުމާއި ގިނަގިނައިން ސަދަގާތްކުރުމާއި ތަރާވީހު ނަމާދާއި ރޭއަޅުކަންކުރުމަށް ހުތުބާގައި ބާރުއަޅުއްވާފައިވެއެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަތުމުގެ މުހިންމުކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ރަމަޟާން މަހަށް ތިމާގެ ނަފުސު ހޭނުވުމަށާއި ކުރިން ފާއިތުވީ ރަމަޟާންމަހުގެ ރޯދައެއް ނުހިފިވާ ނަމަ، އެ ރޯދައެއް ހިފުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް އަޅުކަމަށް ފުށުނާރާނޭހެން މަސައްކަތުގެ މާހައުލު ބައްޓަންކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.