އެންމެ ނުބައި މީހަކީ އެމީހެއްގެ ގައުމު ހަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގާލާ އަމިއްލާ މީހުންނާއި ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގައި މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއް ޝައިހް ޑރ. ސަލާހުލް ބުދައިރު ދެއްވި ހުތުބާގައި އަލިއަޅުއްވާލާފައި ވަނީ "ތިޔަބައިމީހުންނީ ލޯބިވާ އަހުންތަކެއް ކަމުގައިވާށެވެ" މި މައުޟޫއުއަށެވެ.
ހުތުބާގައި ހަތީބު ޑރ. ސަލާހުލް ބުދައިރު ވަނީ މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ އެކަކު އަނެކަކު ދެކެ ލޯބިވެ، ހެޔޮކަމާއި ތަގުވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ގޮވާލައްވާފައެވެ. ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި މީސްތަކުންނާ ހުތުރުބަހުން މުހާތަބުކޮށް އަނިޔާވެރިވާ މީހުންނާއި މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލި ކޮށްލާ މީހުންނާއި ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.
ފުރެދުމާއި ފަސާދައާއި އިލްހާދަށް ގޮވައިލައި މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެރިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން އަމިއްލަ ނަފުސަށާއި އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށްވުމަށާއި އިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވުމަށާއި މުދަލުން ފަގީރުންނަށް ހޭދަކުރުމަށާއި ބޮޑެތިމީހުންނަށް އިހްތިރާމުކުރުމަށާއި ކުޑަކުދީންނަށް އޯގާވެރިވެ ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދެއްްކުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން މުސްލިމުންނަށް އުނދަގޫކޮށް، ބާތިލު ތުހުމަތުތައްކޮށް، ދޮގު ބުހުތާން ވާހަކަތައް ނުފަތުރުމަށާއި ދެރަކޮށް، ނިކަމެތިކޮށްނުލުމަށާއި ބަދުބަސް ބުނެ، ލައުނަތްދީ ކާފިރުކޮށް، ބިދުއަވެރީންނާއި ފާސިގުންކަމުގައި ބުނެ ނޫޅުމަށާއި އަތްދަށުން ދޫވެގެން ކުރެވޭ ކުށްތައް ފަތުރައި ފަޟީހަތް ނުކުރުމަށް ވެސް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.