މުސްލިމު އަހުންނަށް އަޅާލާ އޯގާތެރިވެ އަނެކުންގެ އައިބުތައް ފޮރުވުމަށް މިއަދުގެ ހުތުބާގައި ގޮވާލައިފިއެވެ.
"މުސްލިމް އަހާއަށް ހެޔޮކޮށް ހިތުން" މި މައުލޫގެ ދަށުން މިއަދު މުޅި ރާއްޖެއަށް އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އުހުއްވަތްތެރިކަމާއި އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީނެއް ކަމަށެވެ.
އަދި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި މި ރިވެތި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތި ނޫން ކަމަށް ވެއެވެ.
އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަހުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއަށް ފަހު، އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުން ކަމަށް ވެއެވެ.
އެއްބައިވަންތަކަމާއި، އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމެއް ކަމަށާއި އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް ވަނީ މަނާ ކުރައްވާފައެވެ. މުއުމިނުން އެއް ބަޔަކު އަނެއް ބަޔަކަށް ލޯބިވެ، ރަޙުމްކޮށް، އޯގާވެރިވުމުގައި އެއުރެންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެއް ކަމަށް ގުރުއާނުގައި ވެސް ބަޔާންކޮށްފައި ވެއެވެ.
"އެ ހަށިގަނޑުން ގުނަވަނެއްގައި ވޭންއަޅައިފި ނަމަ، މުޅި ހަށިގަނޑު ހޭލައި ހުރުމުންނާއި، ހުންއައުމުގައި އެ ގުނަވަނާ ބައިވެރިވެއެވެ." "އަދި މުސްލިމެއްގެ ކިބައިގައި ހުންނަ އުނިކަން ފޮރުވައިފި މީހަކަށް، އެމީހެއްގެ އުނިކަން ދުނިޔެއާއި އާހިރަތުގައި މާތް الله ފޮރުއްވައިދެއްވާނެތެވެ." ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ.
އަދި ހަަމައެހެންމެ އެއްބައިވަންތަކަމަށް މަގުފަހިކޮށްދޭ ކަންތައްތައް ބަޔާންކުރެއްވި ފަދައިން އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް އިސްލާމްދީން މަނާކުރެއްވާކަން ހުތުބާގައި ފާހަގަކޮށްފައި ވެއެވެ.
މި ހުރިހާ ވާހަކަތަކުންވެސް ހާމަ ވެގެންދަނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަހަރެމެންގެ އަމިއްލަ ނަފުސަށާއި އަހަރެމެންގެ މުޖުތަމަޢަށްކަމެއް ހުތުބާގައި ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކު ވެސް ހުރީ ހަމަ އަހަރެމެންގެ އަމިއްލަ ނަފުސަށާއި، މުޖުތަމައަށްކަމަށް ވެއެވެ.