ސޯޝަލް ހެލްތުގެ ދާއިރާ އާއި އިޖުތިމާއީ ހިދުމަތުގެ ދާއިރާ ގައި މަސައްކަތްކުރާ މުވައްޒަފުން ބަންދު ދުވަސް ދުވަހު މަސައްކަތަށް ހާޒިރުވާ ނަމަ ހާޒިރީ އިނާޔަތް ދޭ ގޮތަށް މިއަދު ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިފަދައިން ނިންމެވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ސޯޝަލް ހެލްތުގެ ދާއިރާ އާއި އިޖުތިމާއީ ހިދުމަތްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައި މައްސަލަތައް ދިރާސާކުރެއްވުމަށް ފަހު ކަމަށެވެ.

އެ އިދާރާ އިން ބުނި ގޮތުގައި، ރައީސް މި ނިންމެވުން ނިންމެވީ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމުން ސޯޝަލް ހެލްތުގެ ދާއިރާ އާއި އިޖުތިމާއީ މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވާކަން ގަބޫލު ކުރެއްވޭތީ، އެ ދަތިތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު އެ ދާއިރާތަކުގެ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވައި ލިބިވަަޑައިގެންނެވި ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ.

އެހެންކަމުން ޕޭ ފްރޭމްވޯކަށް ހިޖުރަކުރި އިޖުތިމާއީ ހިދުމަތުގެ ދާއިރާ އާއި ސޯޝަލް ހެލްތުގެ ދާއިރާގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސް ހަމަޖެއްސެވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ވަނީ، މުސާރަ ބޮޑުކުރި ފަހުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޝަކުވާތަކަށް ބެލުމަށް ފަހު، ސިއްހީ ދާއިރާގެ މުސާރައަށާއި ތައުލީމީ ދާއިރާގެ އިނާޔަތްތަކަށް ބަދަލު ގެންނަން ނިންމައިފައެވެ. މިގޮތަށް ރައީސް ނިންމަވާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރު ފެށެން ދެ ހަފްތާ އަށް ވެފައި ވަނިކޮށެވެ.