އެމެރިކާގެ ސިއާޓެލްގައި ކިޔަވަމުން ދިޔަ އިންޑިއާގެ ޖާނަވީ ކަނޑުލާ (23އ.) މަގު ހުރަސް ކުރަނިކޮށް ފުލުހުން ކަރުން ޖައްސާ އޭނާ މަރާލި މައްސަލަ ހޫނުވެއްޖެއެވެ.
ސިއާޓެލްގެ ނޯތްއީސްޓާން ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ ކަނޑުލާ މަގު ހުރަސް ކުރަމުން ދަނިކޮށް ގަޑިއަކު 74 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރު އޭނާގެ ގައިގައި ޖެއްސުމުން ވިއްސައިގެން ގޮސް ވެއްޓުނީ 100 ފޫޓު ދުރަށެވެ.
އެ ހާދިސާގެ މަންޒަރުތައް ކާރުގައި އިން އޮފިސަރު ޑެނިއަލް އައުދުރޭގެ ބޮޑީކެމް އަށް ރެކޯޑްވެފައި ވާ އިރު، އެ ހާދިސާ އަށް ފަހު އޭނާ ހޭ އަޑާއި، އެއީ އާދައިގެ މީހެއް ކަމަށާއި އެންމެ 26 އަހަރު ކަމަށް ބުނެ، އަގެއް ނެތް ކަމަށާއި 11 ހާސް ޑޮލަރުގެ ޗެކެއް ހަދަން ބުނެއެވެ.
އެ ވާހަކަތައް ސޯޝަލްމީޑިއާގައި އާންމުވެފައި ވާ އިރު އެއީ އެ ހާދިސާ އަށް ފަހު އައުދުރޭ އޭނާއާއެކު މަސައްކަތް ކުރާ މީހަކަށް ގުޅާ ދެއްކި ވާހަކަތަކުގެ ރެކޯޑިން އެކެވެ.
އޭނާ ހެމުން ހެމުން ބުނާ އަޑު އިވެނީ، "އެކަމަކު އޭނާ މަރުވެއްޖެ، އެއީ ދެން އާދައިގެން މީހެއް، އެހެން ވީމާ ޗެކެއް ހަދާލީމާ ވާނެ" ކަމަށެވެ.
އައުދުރޭ އަކީ، ސިއާޓެލްގެ ޕޮލިސް ޑިޕާޓުމަންޓުގެ ޔޫނިއަލް ލީޑަރެވެ. އޭނާ އެވަގުތު ގުޅައިގެން ހުރީ އެ ޔޫނިއަންގެ ރައީސް މައިކް ސޯލަން އަށެވެ. އެ އޯޑިއޯގައި ސޯލަން ދައްކާ ވާހަކަ އެހާ ސާފެއް ނޫނެވެ.
ސިއޭޓަލްގެ ޕޮލިސް ޑިޕާޓްމަންޓުން ބުނީ، އެ އޯޑިއޯ ދެނެގަނެވުނީ އާދައިގެ މަތިން ކޯލް އަޑައަހާ އެހެން މުވައްޒަފަކަށް ކަމަށާއި، މައްސަލަ މިހާރު ބަލަމުން ގެންދާ ކަމަށެވެ.
މި މައްސަލައިގައި އައުދުރޭ ބުނެފައި ވަނީ އޭނާ ހުނުނީ އަންހެން މީހާގެ މަރުގެ މައްސަލައިގައި ލިބުނު ގެއްލުން ކުޑަކުޑަން އެތާނގެ ލޯޔަރުން މަސައްކަތް ކުރާނެ ގޮތް ހިތަށް އަރާފައި ކަމަށެވެ.
މި މައްސަލައިގައި އިންޑިއާ ރުޅިގަދަވެފައި ވާ އިރު އެމެރިކާގެ ސެން ފްރެންސިސްކޯގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓުން ވަނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައި ފުލުސް އޮފިސަރު ހުނުނު މައްސަލައިގައި ފާޑުކިޔާފައެވެ. އަދި ސިއޭޓަލް އާއި ވޮޝިންޓަންގެ އިދާރާތަކަށް ޝަކުވާ ހުށަހަޅާފައި ވާ ކަމަށާއި މައްސަލަ ގާތުން ބަލަމުން ދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އަންހެން މީހާގެ ގައިގާ ޖެއްސި ކާރު ދުއްވަން އިނީ ކެވިން ނޭޑް ކިޔާ އޮފިސަރެކެވެ. އެ އޯޑިއޯގައި އޭނާ ވާހަކަ ދައްކާ އަޑެއް ނީވެއެވެ.