ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު ލުން ކުރިއަށް ދިޔަ އިރު، އިންތިހާބުގެ މިންގަނޑުތަކާ ހިލާފުވި މަންދޫބަކާއި އޮބްޒާވަރެއް ސަސްޕެންޑް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަށް އައި ބައެއް އިންޓަނޭޝަނަލް އޮބްޒާވަރުންނަށް ވަނީ މި އިންތިހާބުގައި މަސައްކަތް ކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަ ކޮށްފައި ކަމަށެވެ. އެއީ ސިޔާސީ ޕާޓީއެއް ތަމްސީލް ކުރި ދެމީހުން ކަމަށް އީސީން ބުނި ނަމަވެސް އެއީ ސީދާ ކޮން ޕާޓީއެއް، ނުވަތަ ކެންޑިޑޭޓެއް ތަމްސީލު ކުރި ބައެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބުގެ ސުލޫކީ މިންގަނޑާ އެ ދެމީހުން ހިލާފު ވެފައި ވާތީ، މި އިންތިހާބުގެ ދެވަނަ ބުރާއި، ކުރިޔަށް އޮތް ބޮޑު ދެ އިންތިހާބުގައި އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް އަދި އިލެކްޝަންގެ އޮފިޝަލެއްގެ ގޮތުން އެ މީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށް އީސީން ބުނެއެވެ. އީސީން މި ގޮތަށް ނިންމީ މިއަދު ބޭއްވި އިންތިހާބާ ބެހޭ ހާއްސަގައެވެ.

އީސީން މިއީ ކޮން ޕާޓީއަކަށް ނިސްބަތްވާ އޮބްޒާވަރަކާއި މަންދޫބެއް ކަން ހާމަ ނުކުރި ނަމަވެސް އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަންދޫބަކާއި އޮބްޒާވަރެއް ކަން 'ދަ ޕްރެސް' އަށް ވަނީ އެނގިފައެވެ. އެ މަރުކަޒަށް ދިޔަ އިންޓަނޭޝަނަލް އޮބްޒާވަރުންގެ ތެރެއިން އިންޑިއާ މޮނިޓަރުންނަށް އެ މީހުން ފުރައްސާރަ ކުރާ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވެފައި ވެއެވެ.