އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އިންތިހާބުތައް މިނިވަންކޮށް އިންސާފުވެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ތަންފީޒުކޮށް ސިޔާސަތުތައް ސާފުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެެއް ހުށަހަޅައިފިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ބޭއްވުން ކަށަވަރުކުރުމަކީ ޑިމޮކްރެސީގެ މައިގަނޑު އެއް އަސާސް ކަމަށާއި، ވުމާއެކު، ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ކަށަވަރުކޮށްދީފައި އޮތުމަކީ ދައުލަތެއްގެ ވާޖިބެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭރު އިންތިހާބުތަކަށް ކުރީ ސަރުކާރުތަކުން ނުފޫޒު ފޯރުވަމުން ދިއުމުން އެކި ޖަމިއްޔާތަކުންނާއި އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ މި ސަރުކާރު ހަވާލުވުމުގެ ކުރިން އިންތިހާބުތައް މިނިވަންކޮށް އިންސާފުވެރިކުރުމަށް ވައުދުވެފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން ވެސް އިންތިހާބުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގަރާރުގައި އިމްތިޔާޒް ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:

  • ސަރުކާރުގެ ރަސްމީ ކަންކަމާއި ކެމްޕެއިން އެއްކޮށްލައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން އޮޅުވާލުން
  • ދައުލަތުގެ ވަސީލަތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ފުޅާކޮށް ކެމްޕެއިންކުރުން
  • އެގޮތުން ސިޔާސީ މަގާމުތައް އިތުރުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރަން މަޖުބޫރުކުރުން، ނޫނީ ވަޒީފާ އިން ވަކިކުރުމަށް އިންޒާރުދިނުން
  • ރައީސަށް ވޯޓު ނުދީފިނަމަ މަޝްރޫއުތައް ހުއްޓާލާނެ ކަމުގެ އިންޒާރު ދިނުން

މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށާއި އިންތިހާބުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ، އިމްތިޔާޒް ގޮވާލެއްވީ ސަރުކާރުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމުގެ ކުރިން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ބަޔާނެއް ނެރެފައެވެ. މައިގަނޑު ގޮތެއްގައި އެ ބަޔާނުގައި ޓްރާންސްޕޭރަންސީން ވަނީ ރައީސްގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ

އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ފާހަގަކުރި ބައެއް ނުކުތާތަކުގެ ތެރޭގައި، ރައީސްގެ ދަތުރުފުޅުތަކުގައި މީގެ ދެ އަހަރު ކުރިން ނިމުނު އެތައް މަޝްރޫއެއްގެ ރަސްމިއްޔާތު ބޭއްވުމާއި، ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއުތައް ސަރުކާރުގެ ދެ ތިން ކުންފުންޏަކާ ހަވާލުކުރުން ފަދަ ކަންކަން ހިމެނެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ރައީސްގެ ރަސްމީ މަސްއޫލިއްޔަތުތަކާއި ކެމްޕެއިންކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން ދަތިވާ ކަމަށް އެ ބަޔާނުގައިވެއެވެ.