އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ނަހަމަ ގޮތުގައި ބޭނުން ކުރާކަން އެ ޖަމާއަތަށް ފާހަގަ ވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން، ބާކީ ތިބި ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

ކެމްޕެއިން ފެށުނު ފަހުން ވިދިވިދިގެން އެތައް މަޝްރޫއަކާ ގުޅޭ ރަސްމިއްޔާތުތައް، ކެމްޕެއިން ދަތުރުފުޅުތަކުގައި ބޭއްވުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަން ފާހަގަކޮށް އިތުރަށް ބުނީ، ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލިތާ ފުރަތަމަ 10 ދުވަހު ތަފާތު 16 ރަށެއްގައި 32 މަޝްރޫއެއްގެ ނިންމުން ނުވަތަ ފެށުން ފާހަގަ ކުުރެއްވުމަށް ރައީސް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 8 މަޝްރޫއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މުޅިން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ޓްރާންސްޕޭރަންސީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ހައުސިން މިނިސްޓްރީގެ 14 މަޝްރޫއެއް ސަރުކާރު ހިއްސާވާ 2 ކުންފުންޏަކާ ހަވާލުކޮށްފައި ވާއިރު އެ މަޝްރޫއުތަކުގެ އަގު 1 ބިލިއަން ރުފިޔާއަށް އަރާކަމަށް އެ ޖަމިއްޔާއަތުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. "އިންތިހާބީ މުއްދަތާ ގާތްކޮށް، ހާމަކަންބޮޑު ދިގުރާސްތާގެ ޕްލޭނެއް ނުވަތަ ތަރައްގީގެ ސްޓްރެޓެޖީއެއް ނެތި، އުމްރާނީ މަޝްރޫއުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލު ގެނައުމަކީ މި ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް" ޓްރާންސްޕޭރަންސީން ނެރުނު ބަޔާނުގައި ވެއެވެ.

އެފަދަ އަމަލު ތަކުގެ ސަބަބުން ވާދަކުރާ އިތުރު ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިގެންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕެއިން ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އެގޮތުން ހަމަހަމަކަމާއެކު ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި އެ ޖަމިއްޔާއިން ގޮވާލާފައި ވަނީ ރައީސްގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށާއި އެ ކަންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގާތުން ބަލައި، ފާރަވެރިވުމަށެވެ.

އިންތިހާބީ ދުވަސްވަރު ކެންޑިޑޭޓުން ކުރާ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ ފައިސާ އާއި މުދަލާއި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ފައިސާ އާއި މުދާ އެއްވެސް ވަރަކަށް ބޭނުން ނުކުރުމަށް މީގެ ކުރިން އޭސީސީންވެސް ވަނީ ގޮވާލާފައެވެ. އެގޮތުން އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން އާންމުކުރަން ޖެހޭ މާލީ ރިޕޯޓުތަކާއި އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީން ހިންގާ މާލީ މުއާމަލާތްތަކުގެ ބަޔާންތައް އާންމު ކުރުމަށް ލަފާދިނުމުގެ އިތުރުން ކާކުކަން ނޭނގޭ ފަރާތްތަކާއި ބިދޭސީ ފަރާތްތަކާއި ދައުލަތުން ދޭ ފައިސާ ކެމްޕެއިން ކުރުމަށް ބޭނުން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފައި ވެއެވެ.