ބާޒާރުގެ ބައެއް ފިހާރަތަކުން އަސާސީ ކާބޯތަކެތީގެ އަގު ބޮޑުތަނުން އުފުލާފައިވާކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތަކެތީގެ އަގަށް މާބޮޑު ބަދަލެއް އައިސްފައިނުވާ ކަމަށާއި ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް ހުރިކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ކުންފުނިން މިހާރުވެސް އަސާސީ ކާބޯތަކެތި ވިއްކަމުންދަނީ ކުރިންވެސް ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައެވެ. އެގޮތުން އެސްޓީއޯއިން ވިއްކާ ބައެއް މުހިންމު ބާވަތްތަކުގެ އަގުތަކަކީ:
- ކެރެޓް (ކިލޯއެއް): 40 ރުފިޔާ
- ބިސް ކޭހެއް: 415 ރުފިޔާ (ވަކިން ބިހެއް 2 ރުފިޔާ)
- ފިޔާ (ކިލޯއެއް): 15 ރުފިޔާ
- އަލުވި (ކިލޯއެއް): 12 ރުފިޔާ
- ލޮނުމެދު (ކިލޯއެއް): 50 ރުފިޔާ
ރާއްޖެއަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް އެސްޓީއޯއިން ވަނީ، މިވަގުތު އެއްވެސް ބާވަތެއްގެ ޝޯޓޭޖެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.
ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަމުން އަންނައިރު މިތަކެތި އެސްޓީއޯގެ ރީޖަނަލް ފިހާރަތުންވެސް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމުތަކުގައި މިއަހަރުގެ ފަހުކޮޅު ކާބޯތަކެތީގެ އަގުތައް މަތިވެ އިންފްލޭޝަން ރޭޓް 2.2 އިންސައްތައަށް އުފުލުމަކީ އެކަށީގެންވާ ކަމެއްކަމުގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފައިވާއިރު ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
