ސްޓާޕްލަސް އިން ގެނެސްދޭ އެންމެ ގިނަ މީހުން ބަލާ ޑްރާމާ "އަނުޕަމާ" އަކީ އަބަދުވެސް ކަމަކަށްފަހު ކަމެއްވަމުން އަންނަ ޑްރާމާ އެކެވެ. ނޭވާލާނެ ވަގުތުކޮޅެއް ނުލިބިގެން އުޅެނިކޮށް ހަ ކަންތައް އެއްފަހަރާ ލައްވައިލާ އެކަން ހައްލުކުރަން ޑްރާމާގެ ތަރިން އަބަދުވެސް މަސައްކަތްކުރާ މަންޒަރު ފެނިގެންދެއެވެ. "އަނުޕަމާ" ބަލަން ގިނަ ދިވެހިންވެސް ނުހަނު ފޯރި ހުންނައިރު ޑްރާމާގައި މިހާރު ކަންތައްތައް ވަނީ ވަރަށް ޝައުގުވެރިކޮށެވެ. ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ.
ޑްރާމާގައި މިހާރު ވަނީ ކިހިނެއް؟
އަނުޖްގެ ބޭބެ އަންކުޝްގެ ނަހަލާލު ދަރިފުޅު ރޯމިލް އެގެއަށް ބަދަލުވާ ހިސާބުން އަންކުޝްގެ އަންހެނުން ބަރްކާ އާއި އޭނާގެ ކޮއްކޮ އަދިކް ހުންނަނީ ރޯލިމް އާ ޖައްސާލާފައެވެ. އަދިކް އޭނާގެ އަނބިމީހާ، އަނުޕަމާގެ ދަރިފުޅު ޕާކީ އާ ކައިވެނިކޮށްގެން ހުރެ އޭނާ އަށް އަނިޔާކުރާ މަންޒަރުތައް މިހާރު ވާނީ ފެނިފައެވެ. އަދި އެކަމާ ކުރިމަތިލުމުން ޕާކީ، އަދިކް އަށް މައާފްކޮށް އެކުގައި އުޅެން ފެށިނަމަވެސް އަދިކްގެ ނިޔަތް އަދިވެސް ރަނގަޅެއް ނޫނެވެ. ބަރްކާ އާއި އަދިކް ބޭނުންވަނީ އެގެއިން ރޯމިލް ފޮނުވާލުމަށެވެ. އެކަމުގެ މަސައްކަތުގައި އުޅެމުން އަނުޖްގެ ފައިސާ ދަބަހެއް ވަގަށްނަގައި ރޯމިލް ގެ އަލަމާރިއަށް ލާ ފޮރުވައެވެ. ފައިސާ ދަބަސް ގެއްލިގެން ހޯދުމުގެ ތެރޭގައި ރޯމިލްގެ އަލަމާރިން އެ ދަބަސް ޕާކީ އަށް ފެނެއެވެ. އަދި އެކަން މުޅި އާއިލާ އަށް ފަޅާއަރުވާލައެވެ. އެންމެންވެސް ގަބޫލުކުރީ އެ ފައިސާ ދަބަސް ނެގީ ރޯމިލް ކަމުގައެވެ. އަނުޕަމާ އާއި އަނުޖް ފިޔަވައެވެ. ރޯމިލްގެ ހިތުގައި ބަދަލަށް ބަދަލު ހިފުމުގެ ރޫހު އަށަގަނެއެވެ. އަދި އަދިކް އަށް ރަނގަޅު ލަނޑެއް ދޭން އުޅެ، ޕާކީ އޭނާ ކިޑްނެޕްކުރެއެވެ. ނަމަވެސް އޭނާގެ އަތުން ޕާކީ ދޫވެ، ގެއްލެއެވެ. އެކަން އަނުޕަމާ އަށް އެނގެއެވެ. އަދި ރޯމިލް އަށް ފާރަލަމުން ގޮސް ހަގީގަތް ހޯދައެވެ.
ޑްރާމާގައި ދެންވާނީ ކިހިނެއް؟
ޕާކީ އަށް އެ ހާލު ޖެހުނީ ރޯމިލް އާ ހެދި ކަން އެންމެންނަށް އެނގެއެވެ. އަދި ޕާކީ ހޯދަން އެންމެން މަސައްކަތްކުރެއެވެ. ހަގީގަތުގައި ވެސް ޕާކީ ބައެއްގެ އަތް ދަށުވެއެވެ. އަދި އެމީހުންގެ ކިބައިން ޕާކީ ސަލާމަތްކުރަނީ ރޯމިލް އެވެ. އޭނާ ސަލާމަތްކުރުމަށްފަހު މުޅި އާއިލާ ކިބައިން ރޯމިލް މައާފަށް އެދެއެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި އަދިކް ވެސް އޭނާގެ އުޅުން އިސްލާހްކޮށް ޕާކީ އާއެކު އުޅެން ބޭނުންވެއެވެ. އޭނާ ނެތް ދުވަސްކޮޅު އަދިކް އަށް އޭނާގެ ނެތްކަން އިހުސާސްވެ ހަގީގަތުގައިވެސް ކަންތައްތައްކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސްވެއެވެ. އަދި އަދިކް ވެސް މުޅި އާއިލާ ކިބައިން މައާފަށްއެދެއެވެ.