ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" މިހާރު އޮތް ހިސާބު ވަރަށް ޝައުގުވެރިއެވެ. މި ޑްރާމާ ދައްކަން ފެށިތާ 14 އަހަރުވެގެން ދިޔައިރު ޑްރާމާގެ މިހިސާބަށް އައި އިރު ވާނީ ޑްރާމާގެ ތިން ޖެނެރޭޝަނެއް ފެނިގެން ގޮއްސައެވެ. ޑްރާމާގެ ލީޑު ކެރެކްޓާ އަކްޝަރާ ކޮއެންކާ، އަބީމަންޔޫ ބިރްލާ އާއި ކައިވެނި ކޮށްގެން އެގެއަށް ބަދަލުވެއެވެ. ހަމައެއާއެކު އަކްޝަރާގެ ކޮއްކޮ ރޫހީ ގޮއެންކާ، އަބީމަންޔޫގެ ކޮއްކޮ ނީލް ބިރްލާ އާއި ކައިވެނިކޮށްގެން އެގެއަށް ބަދަލުވެއެވެ. ޑްރާމާގައި އަކްޝަރާ އާއި އަބީމަންޔޫގެ ކައިވެންޏަށް ހިޔަނި އެޅެނީ އަކްޝަރާ އެއްމާބަނޑު ދެކުދިންނަށް ބަނޑުބޮޑުވެ އެކުދިން އެބޯޓްވާ ހިސާބުންނެވެ. އަދި ނީލް މަރުވި ހިސާބުންނެވެ. އެހިސާބުން އަކްޝަރާ އާއި އަބީމަންޔޫގެ ދިރިއުޅުމަށް ހިޔަނި އެޅެއެވެ. އަބީމަންޔޫ، އަކްޝަރާ ވަރިކުރެއެވެ. އަކްޝަރާ އަށް މަޖުބޫރުވީ ބިރްލާ ހައުސް އިން ނުކުތުމަށެވެ. މާފަހުން އަކްޝަރާ އަށް އެނގުނީ އޭނާގެ ބަނޑުގައި ކުއްޖަކު އޮތް ކަމަށެވެ. އެވާހަކަ ބުނަން އަބީމަންޔޫއަށް އަކްޝަރާ ގުޅުމުން ޖަވާބެއް ނުލިބުނެއެވެ. އަކްޝަރާގެ ހަޔާތަށް އެހެން ބައިވެރިއެއް އާދެއެވެ. އަބީނަވް އާއި އަކްޝަރާ ކައިވެނިކުރީ ދަރިފުޅު އަބީރްގެ އުފާތަކަށް ހުރަސް ނޭޅުމަށެވެ. އޭގެ ހައަހަރުފަހުން އަބީރު އަކީ އަބީމަންޔޫގެ ދަރިއެއްކަން އެންމެންނަށް ފަޅާއަރައެވެ.

ޑްރާމާގައި މިހާރު ވަނީ ކިހިނެއް؟

އަބީނަވްގެ އުފަންދުވަހަށް އާއިލާގެ އެންމެ ރިސޯޓަށް ދިޔުމުގެ ތެރޭގައި ދިމާވި ހިތްދަތި ހާދިސާއަކުން އަބީނަވް ވަނީ މަރުވެފައެވެ. އަދި އޭނާގެ މަރު، އަބީމަންޔޫގެ ބޮލުގައި އެޅުނުއިރު އެކަން އަބީމަންޔޫގެ މައްޗަށް ސާބިތުވެ ޖަލަށްލައެވެ. ނަމަވެސް އޭގެ މާފަހުން އަކްޝަރާ އަށް އަބީނަވްގެ މަރުގެ ފަހަތުގައިއޮތް ސިއްރު ދެނެގަނެވި އަބީމަންޔޫގެ ކުށެއްނެއްކަން ހާމަވެއެވެ. އަދި އަބީމަންޔޫ ޖަލުން ނެރެއެވެ. އޭގެ ފަހުން ދަރިފުޅު އަބީރް އަށްޓަކައި އަކްޝަރާ އާއި އަބީމަންޔޫ އެއްކޮށް ގުޅިގެން މަސައްކަތް ކުރަން ފަށައެވެ. ނަމަވެސް އެކަންތައްތަކަށް ހުރަސް އެޅެނީ އަބީމަންޔޫ އަށް ކުރީގެ ހަނދާންތައް އާވުމުންނެވެ. އަކްޝަރާ އާއެކު އުޅުނު އުފާވެރި ދުވަސްތައް މަތިން ހަނދާންވެއެވެ. އެކަމުގެ ސަބަބުން އަބީމަންޔޫ އަކްޝަރާ އާ ކުޑަކޮށް ދުރުވެއެވެ. އޭގެ ފަހުން އިންޑިއާގައި ބާއްވާ ފެސްޓިވަލެއް ފާހަގަކުރުމަށް ދެ އާއިލާ އިންވެސް އެއްތަންވެއެވެ. ނަމަވެސް އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އަބީރް އާއި އަބީމަންޔޫގެ މަންމަ މަންޖަލީ ތާށިވެއެވެ. މަންމަ އާއި ދަރިފުޅު ސަލާމަތްކުރަން އަކްޝަރާ އާއި އަބީމަންޔޫ އެއްތަންވެއެވެ. އޭގެ ފަހުން ވެސް އަބީމަންޔޫ އަށް އަކްޝަރާ ގާތު ހުންނަ ވަގުތު ކުރީގެ އިހުސާސްތައް އަލުން ކުރުވަން ފަށައެވެ. އެ އިހުސާސްތަކަށް އިޖާބަނުދޭން އޭނާ މަސައްކަތްކުރެއެވެ.

ޑްރާމާގައި ދެންވާނީ ކިހިނެއް؟

އަބީމަންޔޫ އަށް އަލުން އަކްޝަރާ ދެކެ ލޯބިވެވެއެވެ. ނަމަވެސް އެކަން އަކްޝަރާ އަށް ސިއްރުކުރީ އޭނާ އަދިވެސް އަބީނަވް ދެކެ ލޯބިވާކަން އަބީމަންޔޫ އަށް އެނގޭތީއެވެ. ނަމަވެސް އަކްޝަރާގެ ހިތުގައި ވެސް އަބީމަންޔޫގެ ނަން ލިޔެވެން ފަށަނީ ނެށުމެއްގެ ތެރެއިން ދެމީހުން އެކަކު އަނެކަކު ގައިގައި ބޭއިހްތިޔާރުގައި ބައްދާލެވުމުންނެވެ. އެހިސާބުން އަކްޝަރާގެ ހިތުގައިވެސް އަބީމަންޔޫ އަށް އޮތް ލޯބި ހާމަވެގެންދެއެވެ. އެކަން ދެފަރާތުގެ އާއިލާ އަށްވެސް އެނގެއެވެ. މަންޖަލީ އާއި އަކްޝަރާގެ ބޮޑު ބައްޕަ މަނީޝްވެސް ބޭނުންވީ ދެމީހުން އަލުން ގުޅޭށެވެ. އަބީމަންޔޫ އަށް އަކްޝަރާ ދެވަނަ ފުރުސަތެއް ދޭތޯ ބެލުމަށް ޑްރާމާގެ ކުރިއަށް ހުރި އެޕިސޯޑުތައް ބަލައިލާށެވެ.