ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެވަނަ ބުރަށް ވަޑައިގެން ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ދަ ޑިމޮކްރެޓްސްއާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވާ ކަމަށް ޑިމޮކްރެޓްސް އިން ވާދަކުރި ރިޔާސީ ކެންޑިޑޭޓް ހުޅޫދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ، މިހާރު ކުރިއަށް ދާ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އިލްޔާސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހަމައަށް ދާއިރު، އެ ޕާޓީން ނިންމާ ނިންމުންތައް އެއީ ވަރަށް ވިސްނުންތެރި ކަމާއެކުގައި ނިންމަން ޖެހޭ ނިންމުންތަކެއް ކަމަށެވެ. ދެވަނަ ބުރުގައި ވާދަކުރަން ތިއްބެވި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ޑިމޮކްރެޓްސް އާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ ކައުންސިލްގެ ހުއްދައާ އެކީ މި ބައްދަލުވުންތައް ކުރިއަށް ގެންދަން ޖެހެނީ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ހަމައަށް ދާއިރު، އަޅުގަނޑުމެން ނިންމާ ނިންމުންތައް އެއީ ވަރަށް ވިސްނުންތެރި ކަމާއެކުގައި ނިންމަންޖެހޭ ނިންމުންތަކެއް ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުމެންނާ މިހާރު ވާދަކުރަން ތިއްބެވި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް އަޅުގަނޑުމެންނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައި އޮތީ"
އިލްޔާސް ލަބީބް

މި ބައްދަލުވުންތަކުގެ ތެރެއިން ތިން ގޮތެއް ފެނިވަޑައިގަންނަވާ ކަމަށާއި އެއީ އެއްވެސް ކޮޅަކަށް ނާރާ ތިބުން ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓާ އެކީ ދިއުން ނޫނީ އެމްޑީޕީ ކެންޑިޑޭޓާ އެކީ ދިއުން ކަން އިލްޔާސް ފާހަގަ ކުރެއްވިއެވެ. ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން ޑިމޮކްރެޓްސްގެ ސިޔާސަތުތަކާއި އުސޫލުތައް އަދި މި ގައުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ވިސްނަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެކަމާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި އަދި މިގައުމަށް އެންމެ ރަނގަޅު ގޮތަކަށް ނިންމަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން އިލްޔާސް ވަނީ ޑިމޮކްރެޓްގެ ޗެއާއަށް ކޮމެޓީއެއް އެކުލަވާލައި ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ނިންމުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ފޮޓޯ: ސޯޝަލް މީޑިއާ
"އަޅުގަނޑުމެންގެ ނިންމުން ވެގެން ނުވާނެ ޖަޒްބާތުތަކަށް ވިސްނައިގެން ނިންމައިގެން ނިންމާ ނިންމުމަކަށް. މާދަމާއަށް ވެސް ވިސްނަން ޖެހޭނެ. އަނެއް ދުވަހަށް ވެސް ވިސްނަން ޖެހޭނެ. މި ޕާޓީގެ މުސްތަގްބަލަށް ވެސް ވިސްނަން ޖެހޭނެ."
މުހައްމަދު ޝިފާޒު

މި ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަވަމުން ވިދާޅުވީ، ކޮންމެ ގޮތަކަށް މި ޕާޓީން ނިންމިއަސް އެ ނިންމުން ވާން ޖެހޭނީ އާންމު މެންބަރުންގެ އިހްސާސްތަކާ ގުޅިފައި އޮތް ނިންމުމަަކަށް ކަމަށެވެ. އެ ނިންމުމަކީ ޖަޒްބާތުތަކަށް ވިސްނައިގެން ނިންމާ ނިންމުމަކަށް ވެގެން ނުވާނެ ކަމަށާއި، މާދަމާއަށް އަދި އޭގެ އަނެއް ދުވަހަށް ވެސް މުސްތަގްބަލަށް ވެސް ވިސްނަން ޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އެއްބަޔަކު އައިސް މިތިބީ ސަރުކާރު ކަމުނޮގޮސްގެން ސަރުކާރު ދޫކޮށްލާފައި ކަމަށާއި އަނެއް ބަޔަކު އައިސްފައި މިތިބީ ސަރުކާރުން ވަކި ކޮށްލައިގެން ކަން ނާޝިޒް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ހަަމައެކަނި ވިސްނަން ޖެހެނީ މި ޕާޓީއަށް ދިމާވެފައި އޮތް ކަމެއްގެ މައްޗަށް އެކަނި ނޫން ކަމަށާއި މިއީ ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާޞުގެ ދެވަނަ ބުރަށް ނިންމާ މި ނިންމުމަކީ ބޮޑު ނިންމުމެއް ކަމަށެވެ. ކޮމިޓީ އެއް އެކުލަވާލައިގެން ގޮތެއް ނިންމާއިރު، މި ޕާޓިގެ މުސްތަގްބަލަށް ނުވިސްނާ ޕާޓީގެ ކުރިއެރުމަށް ނުވިސްނާ ގޮތެއް ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއިން އޭނާ ވަކިވީ ގަބޫލު ކުރާ އަސާސްތަކާ އެއްގޮތަށް ސަރުކާރު ނުހިންގާތީ ކަމަށާއި އިންތިހާބުގެ ދެވަނަ ބުރަށް ހޮވިފައިވާ ދެ ޕާޓީއަށް ބަލާލި ކަމުގައި ވިޔަސް އެ ދެ ފަރާތުގެ ތެރެއިން ވަކި ރަނގަޅު ބައެއް އެބަ ތިއްބޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ މުސްތަގްބަލަށް ވިސްނައިގެން ކޮމިޓީން ނިންމާ ނިންމުމާ އެކުގައި ކުރިއަށް ދިއުމަކީ ރަނގަޅު ގޮތެއް ކަމުގައި ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ޔޫތު ޕާލަމެންޓް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ
"އެމްޑީޕީ ރޫޅާލުމަކީ މި ޕާޓީއަށް އޮތް އެންމެ ގަދަގޮތް ކަމަށް ވަންޏާ ސެޕްތެމްބަރު 30 އާ ހަމައަށް އެކަނި ވެސް އަޅުގަނޑުމެންނަށް ތިބެވިދާނެ. ބައިވަރު ގޮތްގޮތް އެބަ އޮތް އެކަމަކު އިބޫ ނޫން ގޮތެއް ބޭނުންވާ ކަން އަޅުގަނޑުމެންނަށް ވަރަށް ސާފު"
އިވާ އަބްދުﷲ

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ވާހަކައިގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ދެވަނަ ބުރުގައި އެމްޑީޕީ ކޮޅަށް ދިއުމަކީ ޑިމޮކްރެޓުންނަށް އޮތް ގޮތެއް ނޫން ކަން ވަރަށް ސާފު ކަމަށާއި ކޮންމެ މެންބަރެއް ގާތުގައި އެހިއަސް ބުނަނީ އެމްޑީޕީއާ އެކުގައި ނުދާނެ ކަމަށް އިޥާ ވިދާޅުވިއެވެ. އެ ދައްކަނީ ޒާތީ ވާހަކައެއް ނޫން ކަމަށާއި އެ ދައްކަނީ ޕާޓީގެ ކުރިމަގުގެ ވާހަކަ ކަމަށް އިވާ ވިދާޅުވިއެވެ.

އެމްޑީޕީއަކީ ޑިމޮކްރެޓްސްއަށް ވެސް އަދި ދިވެހި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަން ފާހަގަ ކުރައްވަމުން އިވާ ވިދާޅުވީ، އެމްޑީޕީން އަދި ރައީސް ސޯލިހް ހުށަހަޅާނެ އިތުރު ހުށަހެޅުމެއް ނެތް ކަމަށެވެ. އެމްޑީޕީން ނަހަދާކަށް ދޮގެއް ނެތް ކަމަށާއި "ދެން އޮތީ ޕީޕީއެމްއާ އެކު ދިއުންތޯ ނުވަތަ އެއްވެސް ގޮތެއް ނުނިންމާ ޑިމޮކްރެޓުންގެ ގޮތުގައި ތިބުންތޯ" އީވާ ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ، އިންތހާބުގައި އެއްވެސް ކޮލަކަށް ނޭރުމަކީ ކޮމިޓީއަށް އެންމެ ރަނގަޅުގޮތެއް ކަމުގައި ވެދާނެ ކަމަށާއި އަންނަ ސަރުކާރުގައި ޑިމޮކްރެޓްސް ހިމެނުން އެއީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީ ރޫޅާލުމަކީ އެ ޕާޓީއަށް އޮތް އެންމެ ގަދަގޮތް ކަމަށް ވަންޏާ ސެޕްޓެމްބަރު 30 އާ ހަމައަށް އެކަނި ތިބެވިދާނެ ކަމަށެވެ. އަދިވެސް ބައިވަރު ގޮތްގޮތް އެބަ އޮތް ކަން ފާހަގަ ކުރައްވަމުން އީވާ ވިދާޅުވީ، "އިބޫ ނޫން ގޮތެއް" ބޭނުންވާ ކަން ވަރަށް ސާފު ކަމަށެވެ.

ހަސަން ލަތީފް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ / ފޮޓޯ: ދަ ޑިމޮކްރެޓްސް

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޕާތީން ބައެއް ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އަޑުތައް ފެތުރެމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަން ފާހަގަ ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ، ދެވަނަ ބުރަކަށް ގޮސްފައިވާ އިރު ޑިމޮކްރެޓްސް އިން ގޮތެއް ނިންމާ އިރު، މި ރިޔާސީ އިންތުހާބުގައި ވާދަކުރި ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަކީ ބުއްދިވެރިކަމެއް ކަމަށެވެ. އެގޮތުން ހުރިހާ ޕާޓީތަކާ އެކުގައިވެސް މަޝްވަރާ ކުރާނެ ކަމަށާއި ނމަަވެސް އަދި އެއްވެސް ޕާޓީއަކާ އެކު ރަސްމީކޮށް މަޝްވަރާ ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.

ސޯލިހާއި މުއިއްޒުގެ ފަރާތުން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައި ވީ ނަމަވެސް އަދި ރަސްމީކޮށް ކުރިއަށް ދިޔަ އެއްވެސް މަޝްވަރާއަކާ ގުޅިގެން އެ ދެ ޕާޓީން ވެސް މީޑިއާއަށް މައުލޫމާތު ދީފައެއް ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. ދެވަނަ ބުރަށް މުއިއްޒު ކެމްޕެއިން ފައްޓަވާފައިވާ އިރު، ރައީސް ސޯލިހްގެ ފަރާތްޕުޅުން ކެމްޕެއިން ޓީމުން އަންނަނީ ދެވަނަ ބުރުގެ ކެމްޕެއިންނަށް ތައްޔާރު ވުމަށް މަޝްވަރާ ކުރަމުންނެވެ.