މި މަހުގެ 9 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެނައި ޒުވާނާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ފުވައްމުލަކުގެ ނައިބުތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މި މަހުގެ 9 ވަނަ ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް މި މަހުގެ 10 ވަނަ ދުވަހު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މާލެ ގެނެސް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު އޭނާ މަރުވެފައިވާ ކަަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަަށް ފުލުހުން ބުނެއެވެ.