ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5،460 ވޯޓާއެކު 5 ވަނަ އަށް ދިޔަ ޖުމްހޫރީ ޕާޓީން، އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއިި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ކޯލިޝަން ހެދުމާމެދު ޖޭޕީން ރޭ ބުނީ، އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ކައުންސިލް ބައްދަލުވުމުގައި ކަމަށާއި ބައްދަލުވުން އޮންނާނީ މާދަމާ ހަވީރު 4 ޖަހާއިރު ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އިންތިހާބުގައި ލިބިވަޑައިގަތީ އެންމެ 5،460 ވޯޓެވެ. މިއީ 22،000 އަށްވުރެ ގިނަ މެންބަރުން ތިބި ޖޭޕީއަށް މިފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ. ސިޔާސީ މައިދާނުގައި ގާސިމް އަކީ "ކިންގް މޭކާ" ގެ ގޮތުގައި ފާހަގަވަމުން އައި ނަމަވެސް މިފަަހަރުގެ ނަތީޖާއަށް ބަލާ ޖޭޕީގައި ތިބި މެންބަރުންގެ ސައްހަ ކަމާ މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 8 ކެންޑިޑޭޓަކު ވާދަ ކުރެއްވިއިރު އިންތިހާބުގެ ކިންގް މޭކާ ގެ ލަގަބު މިފަހަރު ހޯއްދެވީ ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަދި ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް 15،835 ވޯޓު ލިބިވަޑައިގެން ވަނީ 3 ވަނަ ހޯއްދަވާފައެވެ.

ޖޭޕީން މާދަމާ ގޮތެއް ނިންމާއިރު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މުއިއްޒުއާއެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރޭ ވަނީ ނިންމާފައެވެ.