ސިފައިންގެ އިސްވެރިންނާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް އެމްއެންޑީއެފްއިން ދޮގުކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ސިފައިންގެ ލީޑާޝިޕްގެ ބޭފުޅުންނާ ގުޅޭ ގޮތުން ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.

"ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅުހަދަނީ" މި ސުރުހީގެ ދަށުން އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ނެތް ކަމަށާއި އިންޑިޔާއާއި އެކު ވެފައިވާ އެއްވެސް އެއްބަސްވުމަކުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ބުނެ ރައްޔިތުންނަށް ދޮގު މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އެމްއެންޑީއެފްގެ އިސްވެރިން ދެކޮޅު ހަދަން ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ ސިފައިން އަބަދުވެސް ތިބޭނީ ގާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބާ އަދި ސިފައިންގެ ކޯޑް އޮފް އެތިކްސްއާއި އެއްގޮތަށް އަމަލުކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ދިފާއުކޮށް ރައްކާތެރިކުރުމުގައި ސިފައިން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން އެމްއެންޑީއެފްއިން ވަނީ ދީފައެވެ. އަދި މި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ އެއްވެސްކަމެއް ކުުރުމުގެ ފުރުސަތު ސިފައިން ނުދޭނެކަމުގެ ޔަގީންކަން އެމްއެންޑީއެފްއިން ވަނީ ދީފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ވަނީ އެއްވެސް މަގުސަދެއްގައި ސިފައިންގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭގޮތަށް ނުވަތަ ސިފައިންގެ އެއްބައިވަންތަކަމާއި ސަފުތަކުގެ ބަދަހިކަމަށް ކިލަނބުކަން ލިބޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.