މާވެލް ފިލްމުތަކުން ފެނިގެންދާ ކެރެކްޓާ ކެޕްޓަން އެމެރިކާ ކުޅޭ އެކްޓަރު ކްރިސް އިވަންސް 42، ކައިވެނިކޮށްފިއެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް ކައިވެނިކުރީ ޕޯޗުގަލް އަށް އުފަން ބަތަލާ އަލްބާ ބަޓިސްޓާ 26، އާއެވެ. ދެމީހުންގެ ކައިވެނި ހަފްލާ ވަރަށް ސިއްރިއްޔާތުގައި ބޭއްވިއިރު އެ ހަފްލާގައި ބައިވެރިވެފައިވަނީ ދެފަރާތުގެ އާއިލާ އާއި ދެމީހުންގެ އެންމެ ގާތް އެކުވެރިންނެވެ. އޭގެ ތެރޭގައި ކުޅަދާނަ އެކްޓަރު ކްރިސް ހެމްސްވޯތު، ޖެރެމީ ރެނާ އަދި ރޮބަޓް ޑައުނީ ހިމެނެއެވެ.

ކްރިސްގެ ގޭގައި ކައިވެނި ހަފްލާ ބޭއްވިއިރު ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ހަފްލާ އަށް ވަނުމަށްފަހު އެއްވެސް މެހެމާނަކަށް ފޯނު ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ. ކްރިސް އާއި އަލްބާ ދެމީހުން އެންގޭކްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މާދުވަސްތަކެއް ނުވެ ދެމީހުން އެންގޭޖްވިއިރު ދެތަރިން ވަނީ މި މަހު ކައިވެނިކޮށްފައެވެ.

ކްރިސް ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "އެވެންޖާސް:އެންޑްގޭމް"، "ކެޕްޓަން އެމެރިކާ:ދަ ފަސްޓް އެވެންޖާ"، "ގޯސްޓެޑް" އަދި "ގިފްޓެޑް" ހިމެނެއެވެ. އޭނާގެ އަނބިމީހާ އަލްބާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "މިސިޒް ހެރިސް ގޯޒް ޓު ޕެރިސް"، "ފާތިމާ" އަދި "ޕެޓްރިކް" ހިމެނެއެވެ.