ވޯޓުލީ ދުވަހުގެ އިންތިޒާމުތައް ދިޔައީ ރަނގަޅަށް ކަމަށް އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ އީއޯއެމް) ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ބެހޭގޮތުން އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ އީއޯއެމް) ގެ އިބްތިދާއީ ހޯދުންތައް މިއަދު ވަނީ އާންމު ކޮށްފައެވެ.

މިހާތަނަށް ހަދާފައިވާ އޮބްޒަވޭޝަންގެ މައްޗަށް ބިނާކޮށް އީޔޫއިން ބުނީ މުވައްޒަފުންނާއި ފައިސާގެ ދަތިކަމާއެކު ވެސް އިންތިހާބުގެ އިދާރީ ހިންގުންތެރިކަން ވަރަށް ރަނގަޅު ކަމަށާއި އެހެންނަމަވެސް ވޯޓުލާ މީހުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ.

ސުލްހަވެރި ކެމްޕެއިނެއްގައި އެންމެ ބޮޑަށް ފެނިގެން ދިޔައީ ދެ ޕާޓީކަން ފާހަގަކޮށް އީޔޫއިން ވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާކަމުގެ ތުހުމަތު އާންމުކޮށް ކުރެވުމުން ދިޔަކަން ފާހަގަ ކުރެވުނު ކަމަށް ބުނެފައެވެ. އަދި ދެފުށް ފެންނަ ގޮތަކަށް ކެމްޕެއިން ހަރަދުތައް ނުކުރެވުމާއި އެކަން ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމުން އީޔޫއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަސް ރިސޯޓާއި ދެ ޖަލު ހިމެނޭގޮތަށް ވޯޓުލާ ޖުމްލަ 124 ސްޓޭޝަނުގައި އޮބްޒާވް ކުރުމަށް ހަރަކާތްތެރިވިކަން ފާހަގަކޮށް އީޔޫ އީއޯއެމްއިން ބުނީ ވޯޓުލާ ދުވަހުގެ އިންތިޒާމްތައް ދިޔައީ ތަރުތީބުން ރަނގަޅަށް ކަމަށެވެ. އަދި ބައެއް ސްޓޭޝަންތަކުގައި ދިގު ކިއުތަކެއް އޮތް ނަމަވެސް މާހައުލު އޮތީ އަމާންކޮށް ކަމަށް ވަނީ ބުނެފައެވެ.

ކެންޑިޑޭޓުންނަށް ލިބޭ ފައިސާއާއި ކުރާ ހަރަދާ ބެހޭގޮތުން ދެފުށް ފެންނަ ގޮތަށް މައުލޫމާތު ނުހުރުމަކީ ކަންބޮޑުވުމެއް ކަމަށް ބުނެ އަދި ކެމްޕެއިނަށް ފައިސާ ލިބުނުގޮތާއި ހަރަދުކުރެވުނު ގޮތުގެ ރިޕޯޓްތައް އޯޑިޓްކުރުމުގެ ޒިންމާ އީސީއަށް އޮތް ނަމަވެސް ފުރިހަމަ ގޮތުގައި އޮޑިޓް ކުރުމުގެ ގާބިލުކަން އީސީގައި ނެތް ކަމަށް ބުނެފައި ވެއެވެ.

އީޔޫ އީއޯއެމް ބުނީ ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ ކެމްޕެއިންގެ ތެރޭގައި އަސާސީ ހައްގުތަކަށް މައިގަނޑު ގޮތެއްގައި އިހުތިރާމު ކުރި ކަމުގައިވިޔަސް އިންތިހާބުގެ ކުރިން އޮތް މާހައުލަށް އޮތީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ތުހުމަތުގެ އަސަރު ކޮށްފައި ކަމަށެވެ.

އީސީއިން މަސައްކަތް ކޮށްފައި ވަނީ ވަކި ފަރާތަކަށް ނުޖެހި ޕްރޮފެޝަނަލްކޮށް ކަން ފާހަގަކޮށް އީޔޫ އީއޯއެމް ބުނީ މުވައްޒަފުންގެ ދަތިކަމާ އެކުގައި ވެސް ކޮމިޝަނުން ވަނީ ގާނޫނުން ލާޒިމްކުރާ ސުންގަނޑިތަކަށް އަމަލުކޮށް، ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމު ތަކަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އަދި ވޯޓުލާ މީހުން ރަޖިސްޓަރީ ކުރުމުގެ ކަންތައް ދިޔައީ ދެފުށް ފެންނަ ގޮތަށް ކަމަށާއި ކެންޑިޑޭޓުން ރަޖިސްޓަރީ ކުރުމުގެ ކަންކަން އީސީ އިން ގެންދިޔައީ ވެސް ރަނގަޅަށް ކަމަށެވެ.

އީޔޫ އީއޯއެމް ބުނީ އެހެންނަމަވެސް އިންތިހާބުގައި ހިމެނޭ ފަރާތްތަކާއި ކޮމިޝަނާ ދެމެދު މުވާސަލާތު ކުރެވުނު މިންވަރާއި ވޯޓުލާ މީހުން ހޭލުންތެރި ކުރުވުމަށް ކޮމިޝަނުން މަސައްކަތް ކުރި މިންވަރު ދަށް ކަމަށާއި އީސީގެ މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމަށް އޮންނަ އުސޫލުތަކުގެ ސަބަބުން ކޮމިޝަނުގެ މިނިވަންކަމާމެދު އާންމުންގެ މެދުގައި އޮންނަ ތަސައްވަރަށް އަސަރު ކޮށްފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ވަސީލަތްތައް ހައްސަކޮށް ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުން ކުރާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވުމުން ދިއުމުގެ ސަބަބުން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު އޮތް ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށާއި ގާނޫނުގައި ލާޒިމްކުރާ ގޮތަށް ހުރިހާ ކެންޑިޑޭޓުންނަށް ހިލޭ ދޭ ވަގުތާއި ވިއްކާ ވަގުތު ދައުލަތުގެ މީޑިއާއިން ދިން ނަމަވެސް ހަބަރުގެ ވަގުތުގައްޔާއި އެޑިޓޯރިއަލް ޕްރޮގްރާމްތަކުގައި ސަރުކާރުގެ ހަފްލާތަކާއި މަސައްކަތްތަކާއި ކެމްޕެއިންގެ ހަރަކާތްތަކާ ދެމެދު އޮންނަން ޖެހޭ ރޮނގު ވަކި ނުކުރާކަން ފާހަގަ ކުރެވުނު ކަމަށް ވެސް ބުނެފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު އަށް 101،635 ވޯޓު ލިބިވަަަޑައިގެންފައި ވާއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް ލިބިވަޑައިގެންފައި ވަނީ 86،161 ވޯޓެވެ. މި ދެ ބޭފުޅުންނަށް އެންމެ ގިނަ ވޯޓު ލިބި 50 ޕަސެންޓް ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ލިބިފައި ނުވާތީ އެ ދެބޭފުޅުން ވަނީ ދެވަނަ ބުރަށް ވަޑައިގެންފައެވެ.