ސަރުކާރުގެ ސިއްރު އެއްބަސްވުންތައް ހާމަކުރިޔަސް ދެން ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅުން ފަތުރަނީ ދޮގު ވާހަތަކެއް ކަމަށާއި އިންތިހާބުގެ ދެވަނަ ބުރަކަށް ނުކުންނަވާއިރު އެކަންކަން ރައްޔިތުންނަށް ސާފު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެވެ.
ޝަމީމް ވިދާޅުވީ ކަރުތާފެނަށް ފެން އެރީމާ ދެން ސިއްރު އެއްބަސްވުންތައް ހާމަކުރިޔަސް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި ދެން ދެއްކިޔަސް ދައްކާނީ ބެކްޑޭޓަށް ހަދާފައިވާ ސައްހަ ނޫން އެއްބަސްވުމެއް ކަމަށެވެ.
ތެދު ހާމަކުރަން ރައީސް ސޯލިހް ބޭނުންވެ ވަޑައިގެންނެވިނަމަ އެކަން ހާމަކުރައްވާނެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެން ކަމަށާއި ފުރުސަތު ގެއްލޭފަހުން ދައްކާ ވާހަކަ މީހުން ގަބޫލެއް ނުކުރާނެ ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހް މިއަދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިންގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ސާރުކާރާ ދެކޮޅަށް ވަރަށް ގިނަ ދޮގު ވާހަކަތައް ފަތުރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޭރުގެ ސިފައިންނާ ގުޅުވައި ދައްކާ ވާހަކަތަކާއި، ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ގެއްލުވާލުމަށް މަސައްކަތް ކޮށްފައި ވާކަމަށް ބުނެ ވާހަކަތައް ފަތުރަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ފަދަ ގޮތަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އަދި އިދިކޮޅުން ދައްކާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަތަކެއް ކަމަށާއި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ދެވަނަ ބުރުގައި އެކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.