ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެމުން ދިޔަ ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތު ފައިސާ ހުއްޓާލާފައި އޮތް 2 އަހަރުގެ މުއްދަތަށް ޖެހޭ 2،400،000 ރުފިޔާ ހޯދަން އެދިފައިވާ ކަމަށް ޔާމީންގެ ވަކީލުން ބުނެފިއެވެ.

މިއަދު ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކުރީގެ ރައިސުންނަށް ދެމުން ދިޔަ އިނާޔަތް ތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ނަންގަވަމުން ގެންދަވާފައި ވަނީ މަހަކު 100،000 ރުފިޔާ ކަމަށެވެ. އެއީ ކުރީގެ ރައީސް ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ދައުރު ފުރިހަމަ ކުރުމުން ދޭ 50،000 ރުފިޔާއާއި ހުރުމަށް ދޭ އެލަވަންސް 50،000 ރުފިޔާ ކަމަށެވެ.

ރައީސް ޔާމީންއަކީ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވާ ބޭފުޅަކަށް ނުވާތީ އޮފީސް ހިންގެވުމަށް މަހަކަށް ދޭ 175،000 ރުފިޔާ އެމަނިކުފާނު ކުރިން ވެސް ނަންގަވާފައި ނުވާ ކަމަށް ވަކީލުން ބުނެއެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީގައި އެދިފައި ވަނީ ޔާމީން މިނިވަން ވުމާ އެކު ވޭތުވެ ދިޔަ 24 މަސް ދުވަހަށް މަހަކަށް 100،000 ރުފިޔާ ދިނުމަށެވެ. އެއީ ޖުމްލަ 2،400،000 ރުފިޔާއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލީ މީގެ ދެއަހަރު ކުރިން ނޮވެމްބަރު 28 ގައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ހުކުމް ބާތިލް ކުރުމުން ޔާމީން ވަނީ މިނިވަން ވެފައެވެ.

ޔާމީން މިނިވަން ވެފައި ވީ ނަމަވެސް ޕީޖީން އަދިވެސް ވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފައެވެ. އޭގެތެރެއިން ފުއްގިރި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ވަނީ ތާވަލު ކޮށްފައެވެ.