ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ލިބިވަޑައިގެން ނޯޓެއް އިރާލެއްވި ކަމަށް ބުނެ އޮންލައިން ނޫޙެއްގައި ޝާއިއު ކުރި ވާހަކަތައް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުންނާއި ޕީޕީއެމުން ދޮގު ކޮށްފިއެވެ.

އިދިކޮޅު ލީޑާޝިޕުން ރައީސް ޔާމީނަށް ނޯޓެއް ފޮނުއްވި ކަމަށާއި އެ ނޯޓަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ މެދު ޕާޓީން ގޮތެއް ނިންމުމާ ގުޅޭ ގޮތުން ފޮނުއްވި ނޯޓެއް ކަމަށް ބުނެ އޮންލައިން ނޫސް "ދައުރު" ގައި ވަނީ "ޔާމީނަށް ފޮނުވި ނޯޓު ވީދާލެއްވުމަކީ ޕީޕީއެމް ލީޑަޝިޕަށް މެސެޖެއް" މި ސުރުހީގެ ދަށުން ލިޔުމެއް ޝާއިއު ކޮށްފައެވެ. އެ ނޫހުން ބުނެފައި ވަނީ، އެ ނޯޓުގައި ލިޔެފައި އޮތް އެއްޗެއް ވިދާޅުވުމަށް ފަހު އެމަނިކުފާނު އެ ނޯޓު ވީދާލައްވާ، "ރިޔާސީ ކެންޑިޑޭޓަކީ އަހަރެން" ކަމަށް ވިދާޅުވި ކަމަށެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. ސަބަބަކީ ޖަލުގައި އެމަނިކުފާނު ހުންނާވާތާ 2 މަސް ދުވަސް ވެފައިވާ އިރު، އެމަނިކުފާނާ ބައްދަލުކުރައްވަން ވަޑައިގަތީ ވަކީލުންގެ ޓީމާއި އަދި ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އަނބިކަނބަލުން ކަމަށެވެ.

ޝަމީމް އެހެން ވިދާޅުވި ނަމަވެސް ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ޔާމީނާ ބައްދަލު ކުރެއްވުމަށް ޖަލަށް ވަޑައިގެން، ޖަލު ބޭރުގައި ފޮޓޯއެއް ނަންގަވާފައި ވެއެވެ.

ވަކީލުން ޔާމީނާ ބައްދަލު ކުރެއްވުމަށް ވަޑައިގެނެނެވި އިރު ޕީޕީއެމްގެ ލިޑާޝިޕުން އެފަދަ ލިޔުމެއް ހަވާލުކޮށްފައި ނުވާ ކަމަށާއި އަދި ޖަލުގެ ސެކިއުރިޓީ މަރުހަލާ ހުރަސް ކޮށް އެފަދަ ނޯޓެއް ވެއްދޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. ވަކީލުން ޖަލަށް ޒިޔާރަތް ކުރައްވާ އިރު ވެސް ގެންދަވާ ލިޔެކިޔުމާއި އިލެކްޓްރޯނިކްސްގެ އިތުރުން މެޓަލް ޑިޓެކްޓާއިން ވެސް ސެކިއުރިޓީން ބަލައި ފާސް ކުރާ ކަމަށާއި، އެފަދަ އެއްޗެއް ޖަލު ތެރެއަށް ނުވެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަ ކަމާއި، އޮތް ގުޅުން ކުޑަކޮށްލަން ބަޔަކު މީހަކު ރާވައިގެން ލިޔުއްވާ އާޓިކަލްތަކެއް. އެއީ ސީދާ ކަނަޑައެޅިގެން ދޮގު، ރައީސް ޔާމީނަށް ރިޔާސީ ކެންޑިޑޭޓްކަން ދިނުމަކީ މުޅި ޕާޓީގެ ނިންމުމެނެ. ޕާޓީގެ ލީޑާޝިޕާއި، ހުރިހާ މެންބަރުންނާއި، ޕާޓީގެ ސެނެޓުގެ ނިންމުމެއް"
ހީނާ ވަލީދު

މިކަމާ ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެއީ އެ ޕާޓީއާ މެދު އަދި ރައީސް ޔާމީނާ މެދު އޮތް ގުޅުން ކުޑަކޮށް އެއްބައިވަންތަ ކަން ނަގާލުމަށް ކަނޑައެޅިގެން ލިޔަމުން ދާ ދޮގު ވާހަކަތަކެއް ކަމަށެވެ. ޕީޕީއެމުން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ، ރައީސް ޔާމީން އެދިވަޑައިގަނެގެން ނޫން ކަމަށާއި އެއީ ޕީޕީއެމްގެ ލީޑާޝިޕާއި، ސެނެޓާއި، ޕީޕީއެމްގެ މެންބަރުންގެ ނިންމުމެއް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ނޫން ދެވަނަ ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން ނުނިންމާ އޮތުމަކީ މުޅި ޕާޓީގެ ސްޓޭންޑް ކަމަށް ހީނާ ވިދާޅުވިއެވެ.

އެހެންކަމުން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެކަމަށް ބަދަލެއް ވެސް ނާންނަ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެ ޕާޓީ ތެރޭގައި މަސައްކަތް ކުރަމުން ދަނީ 2023 ގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް ހީނާ ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރަށް ޖަލަށް ލައިފައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި މިހާރު މައްސަލަ އިސްތިއުނާފް ކޮށްފައިވާ އިރު، ދެ ފަހަރެއްގެ މަތިން އިސްތިއުނާފް ފޯމު އިސްލާހުކޮށް އަލުން ހުށަހެޅުމަށް ހައިކޯޓުން އެދިފައި ވެއެވެ. އެ ގޮތުން އިއްޔެ ވަނީ ހައިކޯޓަށް އެ މައްސަލަ އިސްލާހުތައް ފުރިހަމަކޮށް ހުށަހަޅާފައެވެ.