ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައިވާ ލުއިތައް ދިނުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް އެމަނިކުފާނުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
އިތުރު ލުއިތަކެއް ދިނުމަށް ރައީސް ޔާމީން ރައީސް ކަރެކްޝަނަލް ސާވިސްގައި އެދިވަޑައިގެންފައި ވާއިރު، އެ ލުއިތަކަކީ ގާނޫނާ ފުށުއަރާ ކަމެއް ކަމަށް ބުނެ އެ ލުއިތައް ދެވެން ނެތް ކަމަށް އެ އިދާރާއިން ވަނީ ރައީސް ޔާމީންއަށް އަންގާފައެވެ.
ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއެކު ވެފައިވާ އިގުރާރުގައި މަނާކޮށްފައި ވަނީ ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުން އެކަނި ކަމަށެވެ. އަދި ފަހުން އެދެވަޑައިގެންފައި ވަނީ ރައީސް ޔާމީގެ ގެކޮޅަށް ނުވަތަ އޮފީހަށް ނޫސްވެރިޔަކު ގޮސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމެއް ދިނުމުގެ ހުއްދައަށްކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ލުޔެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ރައީސް ޔާމީނާ ބައްދަލުކުރަން އެދޭ މީހުންނާ އަމިއްލަ ގެކޮޅުން ބައްދަލުކުރުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ނުވާތީ ބައްދަލުކުރަން އެދޭ މީހުންނާ އެމަނިކުފާނު ނިސްބަތްވާ ޕާޓީ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދައަށް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމް އިތުރަށް ވިދާޅުވީ މިހާރު ދީފައިވާ ލުއިތަށް ދިން ގޮތަށް ފަހުން ރައީސް ޔާމީން އެދިވަޑައިގެންފައިވާ ލުއިތަށް ދިނުމުގައި ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ކުރިން ލުއިތަށް ދިން ގޮތަށް ފަހުން އެދިވަޑައިގަތް ލުއިތަށް ވެސް ދެވޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވި ރައީސް ޔާމީން މިދިޔަ މަހުގެ 1 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައެވެ. އެއަށް ފަހު އެ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ރަށު ބަންދަށް ބަދަލު ކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ލުއިތަކެއް ދެއްވުމަށް އެދިވަޑައިގެންފައި ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރެއްވުމަށް ފަހު ޕީއެންސީ އޮފީހާއި އެމަނިކުފާނު އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ އޮފީހަށް ވަޑައިގެން މައްސަލަ ކަރެކްޝަންސްއިން ބަލަން ފަށާފައިވަނިކޮށެވެ. އެ މައްސަލާގައި އެ ސާވިސްއިން ބުނީ އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.