ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ކޮމްޕްލެއިންޓްސް ބިއުރޯތަކަށް ޖުމްލަ 51 މައްސަލަ އެއް ހުށަހެޅިފައިވާ ކަމަށާއި، އޭގެ ތެރެއިން ވޯޓުގެ ސިއްރުކަމާ ގުޅުންހުރި 14 މައްސަލައެއް އިއްޔެ ނިމުނު ރިޔާސީ އިންތިހާބުގެ ތެރެއިން ހުށަހެޅިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އަށް 26 މައްސަލައެއް، އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ އަށް 25 މައްސަލައެއް ހުށަހެޅިފައިވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- މަނާ ވަގުތުގައި ކެމްޕެއިންކުރުމުގެ ތިން މައްސަލަ
- އޮބްޒާވަރުންނާ ގުޅޭ މައްސަލައެއް
- ވޯޓުލުމުގެ ހައްގާ ގުޅޭ 10 މައްސަލަ
- ރެޖިސްޓްރޭޝަނާ ގުޅޭ އަށް މައްސަލަ
- އޮފިޝަލުންނާ ގުޅޭ 11 މައްސަލަ
- ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ
- ރިޝްވަތު ދިނުމާ ގުޅޭ ދެ މައްސަލަ
- އެހެނިހެން ދެ މައްސަލަ
މީގެ ތެެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށާއި، ތަހްގީގުކޮށްގެން ބަލަން ޖެހޭ މައްސަލަތައް ބަލަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް މި ކަންކަމުގެ ތަފްސީލެއް އޭނާ ހާމަ ނުކުރައްވައެވެ.
ޖުމްލަ ގޮތެއްގައި އިއްޔެގެ އިންތިހާބު ދިޔައީ އަމާންކަމާ އެކުގައި ނަމަވެސް، ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ހަ ސަރަހައްދެއްގައި ހަމަނުޖެހުން ހިނގާފައިވެއެވެ. އެ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގާފައި ވަނީ ވޯޓުލާ މީހުންގެ ކިޔޫ ބަންދުކުރުމުންނާއި، ވޯޓު ގުނުމުގެ މައްސަލަތަކުގެ ސަބަބުންނެވެ. އަދި އެއް ރަށެއްގައި އިންތިހާބުގެ ވަގުތުގައި ކެމްޕެއިން ކުރަމުން ދިޔަ މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ.
އިންތިހާބާ ބެހޭ އެކި މައްސަލަތަކާ ގުޅިގެން ހަތް މީހަކު އިއްޔެ ހައްޔަރުކުރިއެވެ. އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފައެވެ.
އިންތިހާބު އޮތް ދުވަހު ނޫން އޭގެ ކުރީ ދުވަހުގެރޭ ފުލުހުންނާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަބީބު ވަނީ، މަނާ ވަގުތުތަކުގައި ކެމްޕެއިން ކުރެވޭ ފަދަ ޒާތުގެ ކަންކަން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، އެފަދައިން ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
ހަބީބުގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓު އަހްމަދު ޝާކިރު ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އިންޒާރުދެމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށާއި އެ މައްސަލަތައް ތަހްގީގުކުރަމުންދާ ކަމަށެވެ.