އިންތިހާބުގައި މިފަހަރު ވޯޓު ލީ މީހުންގެ ނިސްބަތް އުޅެނީ ގާތްގަނޑަކަށް 80 ޕަސެންޓުގައި ކަމަށް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން، ހަބީބުގެ ހިސާބުތަކުން ދައްކާ ގޮތުން ނަމަ ވޯޓު ލާފައި ވަނީ 79.6 ޕަސެންޓު މީހުންނެވެ. އެއީ 224،786 މީހުންނެވެ. އެހެންކަމުން ވޭތުވެދިޔަ އެހެން ރިޔާސީ އިންތިހާބުތަކަށް ވުރެ ވޯޓުލީ މީހުންގެ ނިސްބަތް މިފަހަރު މަދުކަން ފާހަގަކުރެވެއެވެ.

2013 ވަނަ އަހަރުގެ އިންތިހާބުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ އަހަރު ވޯޓުލެވޭ 239،165 މީހުންގެ ތެރެއިން ފުރަތަމަ ބުރުގައި 208،504 މީހުން (87.2 ޕަސެންޓު މީހުން) ވޯޓުލިއިރު، ދެވަނަ ބުރުގައި 218،619 މީހުން (91.4 ޕަސެންޓު މީހުން) ވޯޓުލާފައިވެއެވެ. އެހެންކަމުން ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގައި އެ އަހަރު ވޯޓުލީ މީހުން އިތުރުވެފައިވެއެވެ.

އެންމެ ބުރެއްގެ މައްޗަށް ކުރިއަށް ދިޔަ 2018 ވަނަ އަހަރުގެ އިންތިހާބުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އެ އަހަރު ވޯޓުލެވޭ 262،135 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 233،889 މީހުންނެވެ. މިއީ ވޯޓުލި މީހުންގެ ނިސްބަތުން ބަލާ ނަމަ 89.2 ޕަސެންޓެވެ. 2013 އާ އަޅާކިޔާ ނަމަ ދެ ޕަސެންޓު މަދު އަދަދެކެވެ.

ނަމަވެސް މި އަހަރު ވޯޓުލީ މީހުންގެ ނިސްބަތް މި ވަނީ 10 ޕަސެންޓު ވެއްޓިފައެވެ. މި ފަހަރުގެ އިންތިހާބުގައި 65،000 އާއި 70،000 އާ ދެމެދުގެ މީހުން ވޯޓުލުމުގައި ބައިވެރިނުވާކަން ހަބީބު އާންމުކުރެއްވި ތަފާސްހިސާބުތަކުން ހާމަވެއެވެ. މިއީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލީ ފަހަރެވެ.