މިއަދު މެންދުރުފަހު 14:00ގެ ނިޔަލަށް ވޯޓުލީ އެންމެ 58.42 ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމު ކުރި ތަފާތު ހިސާބުތަކަށް ބަލާއިރު، މިއަދު މެންދުރު 2:00 ޖެހުމާ ހަމައަށް 164،981 މީހުން ވަނީ ވޯޓު ލާފައެެވެ. އެއީ 82،798 ފިރިހެނުންނާއި 82،183 އަންހެނުންނެވެ. އަދި ވޯޓުނުލާ މިހާތަނަށް 117،414 މީހުން އެބަތިއްބެވެ.

މިއަދު ހެނދުނު 8:00 އިން 16:00 އަށް ވޯޓު ލުން ކުރިއަށްދާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 20،270 ޒުވާނުން ހިމެނެއެވެ.

މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައި ވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައި ވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަ ކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތަކެވެ.

21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައި ވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ވަނީ 6 ފޮއްޓެވެ. ވިލިމާލޭގައި 7 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާފައި ވާއިރު ހުޅުލޭގައި ބަހައްޓާފައި ވަނީ 1 ފޮއްޓެކެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބަހައްޓާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ގައެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރާއިރު އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.