މިއަދު މެންދުރުފަހު 1 ގެ ނިޔަލަށް 47.95 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހެނދުނު 8 އަބޫދާބީއާއި ލަންޑަން ފިޔަވާ ހުރިހާ ފޮއްޓަކަށް ވޯޓުލުން ފަށާފައިވާ ކަމަށެވެ. އަދި މިއަދު މާލެ ގަޑިން 12:30 ގައި ލަންޑަނުގައި ވޯޓުލުން ފަށާފައިވާއިރު އަބޫދާބީގައި ވޯޓުލުން ފަށަފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރު ކަމަށް ހަބީބް ވިދާޅުވިއެވެ.
އީސީއިން ބުނީ މިއަދު މެންދުރުފަހު 1 ގެ ނިޔަލަށް 135،422 މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރޭގައި 24.53 ޕަސެންޓް ފިރިހެނުންނާއި 23.43 ޕަސެންޓް އަންހެނުން ހިމެނޭ ކަމަށާއި މި އަދަދަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
މާލޭގައި ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވިކަން ފާހަގަކުރައްވާ ހަބީބް ވިދާޅުވީ ގިނަ މަރުކަޒެއްގައި ފުރިފައި އޮތް ކަމަށާއި ކިއުގައި ވަރަށް ގިނަ އަދަދަކަށް މީހުންވެސް ތިބި ކަމަށެވެ. އަދި ބައެއް މަރުކަޒުތަކުގައި ކިއު ދިގުވެގެން ބައެއް ކަހަލަ ޝަކުވާތައް ވެސް ލިބުނު ކަމަށާއި ކޯޑިނޭޝަން ސެންޓަރުގެ ފަރާތުން އެތަންތަނަށް އިތުރު އޮފިޝަލުން ފޮނުވާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އެއާއެކު މިއަދުގެ މެންދުރުފަހުން ޕްރޮސެސް ހަލުވި ވެގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން އިންތިހާބުތަކުގައި ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓު ލެވޭނީ 1200 މީހުންނަށް ނަމަވެސް އެ އަދަދު ބަދަލުކޮށް 750 މީހުންނަށް މި އިންތިހާބުގައި ބަދަލުކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.