އޭނާ އަށް ދޭ ވޯޓަކީ ގެއްލިގެން ދާނެ އެއްޗެއްނޫން ކަމަށް ވިދާޅުވެ، އިތުރު ފުރުސަތަކަށް މަޑުނުކޮށް ވޯޓު ދިނުމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން އެދިވަޑައިގެންފިއެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން، މާދަމާގެ އިންތިހާބުގެ ކުރިން ދެއްވި ފަހުބަހުގައި ފާރިސް ވިދާޅުވީ، އޭނާގެ ކެމްޕެއިން ކުރިއަށް ދިޔަ ގޮތުން އިތުރު ހިތްވަރެއް ލިބިވަޑައިގަތް ކަމަށާއި، އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައި ކެމްޕެއިންގެ ހަރަކާތްތައް ފަށްޓަވައި މި ހިސާބަށް އައިއިރު، އުންމީދު ކުރެއްވި ވަރަށް ވުރެ އިތުރަށް ތަރުހީބު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ވަކިން ހާއްސަކޮށް ޒުވާނުންގެ ފަރާތުން ތަރުހީބު ލިބިވަަޑައިގެން ދިޔަ ކަމަށާއި، އޭނާގެ ކެމްޕެއިން ޓީމްގެ ފަރާތުން ދެއްކި ވާހަކަ އާއި މެނިފެސްޓޯގެ ސަބަބުން އެތައް ބައެއްގެ އުންމީދު އާލާވެއްޖެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ހަމަ އެހެންމެ މާދަމާ ލާ ވޯޓަކީ ވަރަށް ބޮޑު ޒިންމާއެއް ކަން ހަނދާން ކޮށްދެއްވައި، އޭނާ އަށް ތާއީދުކުރާ ނަމަ ވޯޓު ދިނުމަށް ފާރިސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެންނަށް ދޭ ވޯޓަކީ ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ގެއްލިގެން ދާނެ އެއްޗެއް ނޫން، ގައުމު ހަމަ މަގަށް އަޅުވަން ޖެހޭ އެބަ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް އެދިވަޑައިގަތީ އިތުރު ފުރުސަތަކަށް މަޑު ނުކޮށް މި އިންތިހާބުގައި އޭނާ އަށް ވޯޓު ދިނުމަށެވެ. އަދި އެކަށީގެންވާ ނަތީޖާ އެއް އިންތިހާބުގައި ލިބިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.