ސައްހަ ނޫން 500ރ. ގެ ނޫޓު ދައުރުވާ ކަމަށް ބުނެ ފެތުރޭ ވާހަކަތައް އެމްއެމްއޭ އިން ދޮގުކޮށްފިއެވެ.

ފައްސަތޭކައިގެ ވަގު ނޫޓްތަކެއް ދައުރުވާ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެކަމާ ގުޅިގެން އެމްއެމްއޭއިން ބުނީ، ސައްހަ ނޫން ކަމަށް ބުނާ 500ރ. ރުފިޔާގެ ނޫޓެއް ހޯދައި ޗެކްކުރި އިރު އެއީ ސައްހަ ނޫޓެއްކަން ޔަގީންވެފައިވާ ކަމަށެވެ.

ސައްހަ ނޫން ނޫޓްތަކެއް ދައުރު ނުވާ ކަން ކަށަވަރުކޮށްދެމުން އެމްއެމްއޭއިން ބުނީ، ނޫޓުތަކުގެ އެކި ބެޗްތަކުގައި ނޫޓުތަކުގެ ސައިޒުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް އެއީ ނޫޓްގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ނޫން ކަމަށެވެ.

އިންތިހާބާ ދިމާކޮށް ސޯޝަލް މީޑިއާގައި 500ރ. ގެ އެނޫޓު ދައުރު ކުރީ، ނޫޓު ސައިޒު ކުޑަ ކަމަށް ބުނެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، ޖެނުއަރީ 26، 2016 ގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. އަދި އެ ނޫޓު ސީރީސް ނެރުމަށް ފަހު، ކުރީގެ ކަރުދާސް ނޫޓު ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ.