ކ. ތުލުސްދޫގައި، ކޮމިޔުނިޓީ ބޭސްޑް ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަން، މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ތުލުސްދޫ ކައުންސިލަށް ދިނުމާއި ބެހޭގޮތުން، ފަހުމުނާމާ (މެމޮރަންޑަމް އޮފް އަންޑާސްޓޭންޑިން) އެއްގައި، ސޮއި ކޮށްފިއެވެ.

މިނިސްޓްރީން ބުނީ، މިފަހުމުނާމާގައި މައިގަނޑު ގޮތެއްގައި ފަންނީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީކޮމިޔުނިޓީ ބޭސްޑް ޓުއަރިޒަމް ތަރައްގީ ކުރުމަށްޓަކައި މިކަން ރާވައި ހިންގުމަށާއި، މިކަމުގައި ކައުންސިލުގެ ދައުރާއި ބެހޭގޮތުންނާއި، އިންފްރާ ސްޓަރަކްޗާ ރިކުޔަމަންޓްސް އާއި ބެހޭގޮތުންނާއި، އިންވެސްޓަރުން ހޯދުމާއި ބެހޭގޮތުން ކަމަށެވެ.

މީގެ އިތުރުން މާކެޓިން އެންޑް ޕްރޮމޯޝަން އަދި މިނޫންވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެވޭ ކަންތައްތަކަށް ވެސް މި އެއްބަސްވެފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ތުލުސްދޫގައި ކޮމިޔުނިޓީ ބޭސްޑް ޓުއަރިޒަމް ތަރައްގީ ކުރުމުގެ ގޮތުން، އެރަށު ލޯކަލް ގަވާންމަންޓް ކުންފުންޏާއި، ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ ގުޅިގެން، ތުލުސްދޫގައި ތަރައްގީ ކުރަމުންދާ "ޖިންޖާ ވިލާސް ތުލުސްދޫ" ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު، މިޕްރޮޖެކްޓްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހިޝާމް ހިއްސާ ކުރެއްވި ކަމަށެވެ.

މިފަހުމުނާމާގައި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތުމަތު ނިލްފާއެވެ. އަދި ތުލުސްދޫ ކައުންސިލް އިދާރާގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާއެވެ.