ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އަބަދު ވެސް ގާތުގައި ހުންނަވައި، ދަރިން ދެކެ ލޯބިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް، އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ފަޒްނާ ވިދާޅުވީ، ރައީސަކީ ކަންކަމާ މެދު މާ ބޮޑަށް ފިކުރުކުރައްވައި ހާސްވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، ނަމަވެސް މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިޔަރު ހަލާކުވި ހަބަރު އިވިވަޑައިގަތުމުން އެމަނިކުފާނު ހާސްވެވަޑައިގެން އިންނެވި މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށެވެ.

"[ރައީސް] ގޭގައި އިންދާ އެކަމެއް ދިމާވީ ވެސް، ވިދާޅުވީ ވަރަށް އެހެން ކަހަލަ ކަމެއް ދިމާވެގެންނޭ މިއުޅެނީ. އަޅުގަނޑު އެހީމާ ބުނީ މޯލްޑިވިއަންގެ ފްލައިޓެއްގެ ފުރޮޅު ފަޅައިގެން ގޮސްގެންނޭ މިއުޅެނީ، އޭގައި (ފްލައިޓުގައި) ކުޑަކުދިން ވެސް ތިއްބޭ ވިދާޅުވީ، ވަރަށް ބޮޑަށް ހާސްވެފައި އިންނެވީ،"
ފަޒްނާ އަހްމަދު

ރައްކާތެރިކަމާ އެކު ފްލައިޓް ޖެއްސުނު ހަބަރު ލިބިވަޑައިގަންނަވަންދެން ރައީސް އެދުވަހު އެހެން ތަނަކަށް ވަޑައިނުގަންނަވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ އެ އަލިއަޅުވާލެއްވީ މީގެ ހަތަރު އަހަރު ކުރިން 2019 ގައި މާލޭން ލ. ކައްދު އަށް ގޮސް، އެއަށްފަހު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު މޯލްޑިވިއަންގެ ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލަ ޖެހި، ގިނަ އިރުތަކެއް ވަންދެން މަތީގައި ފްލައިޓް ދުއްވި ހާދިސާއަށެވެ.

އެއަށްފަހު، ކޮވިޑް-19 ގައި ރައީސް ކަންކުރެއްވި ގޮތަށް ވެސް ކޮންމެވެސް ވަރަކަށް ފަޒްނާ އަލިއަޅުވާލެއްވިއެވެ. އެކަމަނާ ވިދާޅުވީ، ކޮވިޑުގެ ދުވަސްވަރު ރައީސް ނިދިކުރައްވާފައި ނޯންނަވާ ވަގުތުތަކުގައި މުޅިން އުޅުއްވަނީ އެކަމުގައި ކަމަށާއި، އެގޮތުން ރޭގަނޑު ބައްދަލުވުންތައް ބާއްވަވައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށާއި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށް ރައީސް ގުޅުއްވާ ކަމަށެވެ.

"ކޮވިޑުގަ ކުރި ހުރިހާ ވެސް ކަމަކީ ކާޑު ހުރިތޯ ބޭސް ހުރިތޯ އެކި ރަށްރަށަށް އެއްޗެހި ފޮނުވިއްޖެތޯ، އެއީ ސީދާ އިބޫ ބެއްލެވި ކަންތައް މިއީ ހަމަ،"
ފަޒްނާ އަހްމަދު

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭ ސިޔާސީ އެއްވެސް ބޭފުޅެއްގެ ކިބައިން، ނުވަތަ ނޫސްވެރިއެއްގެ ކިބައިން ވެސް ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ރައީސް ކުރައްވާފައި ނުވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.

މި އިންޓަވިއުގައި ފަޒްނާ ވަނީ އެކަމަނާ އާއި ރައީސްގެ ދެމަފިރިކަނބަލުންގެ ދިރިއުޅުމުގެ ވާހަކަ ވެސް ދައްކަވައިފައެވެ. ފަޒްނާ ވިދާޅުވީ، ވަގުތު ނުދެއްވުނެކޭ ވިދާޅުވެ ރައީސާ މެދު އެއްވެސް ނުރުހުމެއް ނެތް ކަމަށާއި، ބޮޑު ކަމެއް މެދުވެރިވެއްޖެ ނަމަ އެމަނިކުފާނު އަބަދު ވެސް ހުންނަވާކަން ޔަގީން ކަމަށެވެ.

"މި ދޭތެރެއިން އަޅުގަނޑުގެ އެއް ކުއްޖަކު އޮޕަރޭޝަން ކުރަން ޖެހުނީމަ ވެސް ވަގުތު ހޯއްދެވި އިނގޭތޯ، ވަގުތު ހޯއްދަވައިގެން އެ ތަނަށް ވަޑައިގެން އޭނާ ހޮސްޕިޓަލުން ނެރެން ދެން އެތާ ވެސް އުޅުއްވި،"
ފަޒްނާ އަހްމަދު

ފަޒްނާ ވިދާޅުވީ، ހުވާކުރެއްވުމަށް ފަހު ވެސް، އެމަނިކުފާނު މި ހުންނެވީ ރައްޔިތުންނަށް ބޮޑެތި ވައުދުތައް ވެވަޑައިގެންފައި ކަމަށާއި އެހެންކަމުން މަސައްކަތްކުރަން ޖެހިވަޑައިގަންނަވާނީ ވައުދުތައް ފުއްދެވުމަށް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. ހަމަ އެހެންމެ ދެކަނބަލުންގެ ދަރިކަލުން ޔަމާނާއި ދަރިކަނބަލުން ސާރާ ދެކެ ރައީސް އިންތިހާ އަށް ލޯބިވެވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑު މާ ކަންބޮޑުވޭ އިބޫގެ ފުށުން މީހަކަށް ކަމެއް ވެދާނެތީ، އެކަމަކު އަޅުގަނޑަށް އިނގޭތޯ ނުވާނެ ކަން ނުކުރައްވާނެ ކަން،" ފަޒްނާ ވިދާޅުވިއެވެ.