ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަރަބިއްތާ ސްކޫލުގެ ބެލެނިވެރިންނަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
"އަރަބިއްޔާ ފެމެލީ" ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، ޑރ. މުއިއްޒު އަރަބިއްޔާ ބެލެނިވެރިންނާ "ސަޕްރައިޒްކޮށް" ބައްދަލުކުރައްވާ، ވަރަށް އުންމީދީ ވައުދުތަކެއް ވެވަޑައިގެންވި ކަމަށެވެ. އެ ވައުދުތަކުގެ ތަފްސީލް މިއަދު ހާމަ ކުރާނެ ކަމަށް ވެސް އަރަބިއްޔާއިން ބުނެއެވެ.
މުއިއްޒު ވަނީ އަރަބިއްޔާ ސްކޫލަށް ބޭނުންވާ ވަރުގެ ބިމެއް މާލޭގައި އޮތް ނަމަވެސް ސަރުކާރުން، ރައްޔިތުންނަށް އަދި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ދިނީ ވަރަށް ބޮޑު ދޯކާއެއް ކަމަށެވެ.
މާލެއިން އަރަބިއްޔާ ސްކޫލު އަޅަން އެކަށީގެންވާ ބިމެއް ކަނޑައަޅައި، އެތަނުގައި ޒަމާނީ ސްކޫލެއް އަޅުއްވައި ދެއްވާނެ ކަމަށް ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމަށް ވަޑައިގެން މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ، އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުން ވަރަށް އިހުމާލުވެފައިވާ ތަނެއް ކަމަށާއި އެ އިމާރާތް ހަލާކުވެގެން ދާން ފެށުމުން ސްކޫލު ބެލެނިވެރިންނާއި ސްކޫލު ކުދިންނާއި އެތައް ރައްޔިތުންނެއް އާދެސް ކުރުމުން ވަގުތީ ގޮތުން ޓިނުން ހަދާފައި ހުރި ގުދަނަކަށް ގެންގޮސް ލިކަމަށެވެ.
މާއިއްޒު ވިދާޅުވީ، މާލެ ބިމުގައި އަރަބިއްޔާ ސްކޫލު އެޅޭނެވަރުގެ ބިން އެބައޮތް ކަމަށާއި އެހެންކަމުން ލޭންޑް ސްކޭޕް ޕްލޭންގައި ވަރަށް ބޮޑު އިސްކަމެއް މިކަމަށް ދީފައިވާ ކަމަށެވެ.
މުއިއްޒު ވަނީ ފުރަ މާލެގައި އަރަބިއްޔާ ސްކޫލު އަޅަން އެކަށީގެންވާ ބިމެއް ކަނޑައަޅައި، އެތަނުގައި ޒަމާނީ ސްކޫލެއް އަޅާއިދީ، ޒަމާނަށް ފެތޭގޮތަށް އަރަބިއްޔާ ސްކޫލު ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރަބިއްޔާ ސްކޫލަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފަިއވާ ކަމަށް އަބަދުވެސް އަޑުއިވެމުން ދާއިރު ސަރުކާރަށް އެކަމާ ގުޅިގެން ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތަކަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންގެ ކުލާސްތައް ވަނީ މިދިޔަ ދިރާސީ އަހަރުތެރޭ ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލު ކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިން ހަމަޖައްސާފައި ވާއިރު އެ އިމާރާތް އެޅުމަށް ވަނީ އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައެވެ.
420 ދުވަހުގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަނާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކޮށްފައިވީ ނަމަވެސް ބިން ސާފު ކުރުން ފިޔަވާ އިތުރު އަމަލީ މަސައްކަތެއް ފަށާފައި ނުވެއެވެ. މި މަޝްރޫއު ހިންގުމަށް ޖުމްލަ 168 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.