ސިނަމާލެ ބްރިޖް މަތިން ފުންމާލަން އުޅުނު އުމުރުން 37 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފައި ވާއިރު އޭނަ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް އޭނާއާ ގުޅޭ ބަންދު އަމުރުގައި ވަނީ ބުނެއެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ މީހާ އަކީ މަސްތުވާތަކެތީގެ ރެކޯޑް ވެސް އޮތް މީހެއް ކަމަށާއި އޭނާ ބްރިޖްމަތިން ފުންމާލަން އުޅުނީ މަސްތުވާތަކެއްޗަށް ފަރުވާ ލިބޭނެ ގޮތެއް ނެތި އެކަމާ ގޮތް ހުސްވެގެންނެވެ.

އޭނާ ޑީޕޯޓް ކޮށްލުމަށް ވިސްނަމުންދާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ދޭތެރެ ދޭތެރެއިން ބްރިޖު މަތިން ކަނޑަށް ފުންމާލާ، މައްސަލަ ރިޕޯޓު ކޮށްފައި ވާއިރު މީގެ ކުރިން ވެސް ބިދޭސީއަކު ވަނީ ބްރިޖު މަތިން ކަނޑަށް ފުންމާލަން މަސައްކަތް ކޮށްފައެވެ.