އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯ ޖޯނަސް 34، އާއި ހޮލީވުޑްގެ ބަތަލާ ސޯފީ ޓާނާ 27، ވަރިވާން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކައިވެނި ކުރިތާ ހަތަރު އަހަރުފަހުން ދެމީހުން ވަރިވާން ނިންމި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ދެމީހުންގެ މެދުގައި ބޮޑެތި މައްސަލަތައް ޖެހި އެކަން ހައްލުނުކުރެވުމުގެ ސަބަބުން ދެމީހުން ވަކިން ދިރިއުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ. ދެމީހުންގެ ހަތަރު އަހަރުވީ ކައިވެންޏަށް ވަނީ ދެ ކުދިންވެސް ލިބިފައެވެ.
ބީބީސީ އިން ބުނީ ސޯފީ އާ ވަރިވާން ޖޯ މިހާރު ފްލޯރިޑާގެ ކޯޓަކަށް އެ މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި ދެމީހުން ވަރިވާން ނިންމީ ހައްލުނުކުރެވޭ މައްސަލަތައް ގިނަ ކަމުންނެވެ. ދެމީހުން ވަކިވި ނަމަވެސް ކައިވެންޏަށް ލިބުނު ދެކުދިންގެ ކަސްޓަޑީ ދެމީހުން ބަހައިގެން ކުރިއަށްދާ ގޮތަށް ނިންމާފައިވާ ކަމަށް ވެސް ބީބީސީ އިން ވަނީ ބުނެފައެވެ.
މަޝްހޫރު ސީރީޒް "ގޭމް އޮފް ތޮރޯންސް" ގެ ކެރެކްޓާ އަކުން ފެނިގެންދިޔަ ސޯފީ އާއި ޖޯ ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރުގައެވެ. އެއަށްފަހު ޖެހިގެން އައި އަހަރު ދެމީހުން އެންގޭޖްވިއިރު ދެމީހުން ކައިވެނިކުރީ 2019 ވަނަ އަހަރުގައެވެ.