އަންނަ ރިޔާސީ އިންތިހާބުގައި ލާނެ ކަމަށް އަންދާޒާ ކުރެވޭ ވޯޓުގެ ތެރެއިން 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ރ. އަނގޮޅިތީމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވޯޓުލާ އާބާދީގެ 90 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބެލިކަމުގައި ވިޔަސް 130،000 ވޯޓު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

މާލެއިން އުތުރުގެ ހުރިހާ ރަށަކަށްހެން ރައީސް ވަޑައިގަތުމުން ވެސް ފެނުނީ ރައްޔިތުން އެއްބުރުން މި އިންތިހާބު ނިންމަން ތައްޔާރަށް ތިބިތަން ކަމަށާއި މިއަދު އަނގޮޅިތީމަށް ވަޑައިގަތުމުން ވެސް ފެނިވަަޑައިގަތީ ހަމަ އެ މަންޒަރު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

300 އެއްހާ މީހުން ދިރިއުޅޭ އަނގޮޅިތީމަށް ވެސް އެހެން ރަށްތަކެކޭ އެއްފަދައިން ތަފާތު ކުރުމެއް ނެތި ތަރައްގީ ގެނެސްދެއްވާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެ ރަށުގެ ބޮޑު ތިން މަގުގައި ތާރު އަޅައި އެ ރަށުގެ ވަށައިގެން ދަތުރުކުރެވޭނެ މަގެއް ހައްދަވައި ދެއްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ލޯކަލް ޓޫރިޒަމް ތަރައްގީ ކުރައްވާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ފަސޭހައިން ލިބޭނޭ އިންތިޒާމް ހަމަޖެހިގެން ދާއިރު އެމްޑީޕީގެ ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ތަންފީޒު ވެ އަނގޮޅިތީމަށް ބަދަލުތަކެއް އަންނާނެ ކަަމަށެވެ.

އަނގޮޅިތީމުގެ ބަނދަރަށް ދިމާވެފައިވާ ނެރުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުން ބޭނުންވާ ގޮތަށް އެ ނެރު އިރުމައްޗަށް ބަދަލުކޮށް ޓީ ޖެޓީއެއްގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މޫދަށް އެރޭނެ ސަރަހައްދެއް ހެދުމާއި ގިރާ ސަރަހައްދު ތަރައްގީކުރުމަކީ ވެސް އަންނަ ދައުރެއްގައި ކުރައްވާނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގެ ޑަބްލިއުޑީސީގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ އިމާރާތަކާއި، ހޭންޑްބޯލް ކޯޓެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ފެސް އެ ރަށުގައި ގާއިމް ކުރެވިގެންދާނެ ކަމަށެވެ.