ވިލިމާލޭ ފަޅުން ނުކުތް ތެޔޮބޯޓެއްގައި ދިޔަ ކަމަށް ބުނާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މުހައްމަދު ނިޒާމަށް ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފިއެވެ.
އިބްތިދާއީ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވާއިރު މި އަޑުއެހުމުގައި ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ހައްގުތައް ވިދާޅުވެ ދެއްވާފައެވެ. މި މައްސަލައިގައި ދައުވާލިބޭ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު، ވަކީލަކު އައްޔަން ކޮށްފައި ނުވާތީ ޝަރީއަތުން ނިންމީ ވަކީލަކު ހަމަޖެހުމުން، ލިޔެކިއުންތަކާ ގުޅޭ އިދާރީ ބައްދަލުވުމެއް ބޭއްވުމަށެވެ.
އަދި މި މައްސަލައާ ގުޅޭ ގިނަ ލިޔެކިޔުންތަކެއް ހުރި ކަމަށް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހަމައެހެންމެ މިއީ މަރުގެ ބޮޑު މައްސަލައެއް ކަމުން ދައުލަތުންވެސް އެދިފައި ވަނީ ވަކީލަކު އައްޔަން ވުމުން އަޑުއެހުން ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގެ އެންމެ ފަހުން ޖޫން މަހު ބޭއްވި އަޑުއެހުމުގައި، ޝަރުތު ތަކާއެކު ނިޒާމު ދޫކޮށްލަން އެދުނު ނަމަވެސް އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އޮވެދާނެކަން ފާހަގަކޮށް ގާޒީ ވަނީ ޝަރީއަތް ނިމެންދެން ބަންދު ދަމަހައްޓާފައެވެ.
މިދިޔަ ޑިސެމްބަރު 28 ގައި ތެޔޮބޯތެއްގައި ދިޔަ ދެމީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނިކޮށް ޖެނުއަރީ 1 ވަނަ ދުވަހު އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. ނަމަވެސް އެ ބޯޓުގައި ލިޓަން އަދި ނިޒާމް ވެސް ނެތެވެ. އެ ދެ މީހުން ހޯދުމަށް ފުލުހުންގެ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދަނިކޮށް ނިޒާމް ހައްޔަރު ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ ފެނިގެން މީހަކު ހިއްސާކުރި ފޮޓޯއަކާ ގުޅިގެންނެވެ.
ޕީޖީން ބުނީ ލިޓަން މަރާލާފައި ވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށެވެ. ލިޓަން މަރާލާފައި ވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށާއި މިކަން ހިނގާފައި ވަނީ ޑިސެންބަރު 28، 2022 ދުވަހުގެ ރޭ 7 އާއި، 08:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދޯނީގައި ލިޓަންގެ 51،000 އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.
މިހާތަނަށް ލިޓަންގެ ހަށިގަނޑު ފެނިފައި ނުވާއިރު މި މައްސަލާގައި ނިޒާމުގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިން އިން މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.
މީގެ ކުރިންގެ ކުށުގެ ރިކޯޑު އޮންނަ ނިޒާމުގެ މައްޗަށް މަސްތުވާތަކެތިން މުއާމަލާތު ކުރުމުގެ ދައުވާ ކޮށްފައި ވަނީ އޭނާ ކުއްޔަށް ހިފައިގެން އުޅޭ މއ. ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ހުރި ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުނެއެވެ. ޕީޖީން ބުނީ ނިޒާމް މަސްތުވާތަކެތި ގަނެފައި ވަނީ ހެދޭކުރި ދޯނިން ވަގަށްނެގި ފައިސާއިން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.