ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރެވި ކުޅުދުއްފުށި ވެގެންދާނީ އުތުރުގެ އެންމެ ބޮޑު އިގްތިސޯދީ ހަބަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުއްޓަކީ އުތުރުގެ މައި އަދި އެންމެ އާބާދީ ބޮޑު ރަށް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކުޅުދުއްފުއްޓަށް ބަދަލު ނުގެނެސް ބޮޑު ތިލަދުންމަތި ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ކުޅުދުއްފުށި ސިޓީއަށް މިހާރަށް ވުރެ ހެޔޮ ރަނގަޅު ބަދަލު ގެނައުން ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުވެގެން ދާއިރު ކުޅުދުއްފުށި އެ ސިޓީ ވެގެންދާނީ އުތުރުގެ އެންމެ ބޮޑު އިގްތިސޯދީ ހަބަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގެ ތަރައްގީއަށް ބޭނުންވާ އެތައް މަޝްރޫއުތައް ރޭވިފައި ހުރިކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށި ސިޓީއަށް އިތުރު ތަރައްގީ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ރައީސް ސޯލިހް ވަނީ އެކަންތައްތައް ކޮށްދެއްވާނެ ކަމާމެދު ޝައްކު ނުކުރުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ރައީސް ކުޅުދުއްފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:

  • 1000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައި
  • ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައި ދިނުން
  • ކުޅުދުއްފުށި އިތުރަށް ހިއްކެން އޮތް މިންވަރަކަށް ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުން
  • ކައިރި ރަށްރަށުން ތަކެތި ވިއްކުމަށް އަންނަ ފަރާތްތަކަށް ހާއްސަ ކޮމާޝަލް ބަނދަރެއް ހެދުން
  • ރަށުގައި ނުހަދާ ބާކީ ހުރި ހުރިހާ މަގުތަކެއް ތަރައްގީ ކުރުން
  • ކުނބުރުދޫއަކީ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ހަދާ ބޯޓް ބިލްޑިން މަސައްކަތަކާއި ގުދަން ކުރުމާއި، ޕެކިން ކުރާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުން
  • ކުޅުދުއްފުށިން ކްރޫޒްލައިނާ ތަކަށް ހިދުމަތް ދޭގޮތަށް ހަދުން
  • މަގު ހަދާއިރު ރަންވޭ ފަހަތުން ދަތުރު ކުރެވޭ ގޮތަށް އެކްސެސް ރޯޑެއް ހެދުން
  • ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހަމަޖައްސައިދިނުން
  • ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް އެ ސަރަހައްދަށް ހާއްސަ ސްކީމެއް ތައާރަފް ކުރުން

ކުޅުދުއްފުށި ތަރައްގީނުވެ ބޮޑު ތިލަދުންމަތި ތަރައްގީ ނުވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާއިރު ދެން އުފައްދާ ސަރުކާރެއްގައި ކުޅުދުއްފުށީގެ ފުރިހަމަ ހިއްސާ އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި ހުރިހާ ރަށަކުން ވެސް ފެނުނީ އެއްބުރުން އެމްޑީޕީ ވެރިކަމަށް ގެންނަން ތައްޔާރަށް ތިބިތަން ކަމަށާއި އެއީ ސަބަބެއް ނެތިއެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެއީ ތަރައްގީއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކޮށްފައި ހުރި މަސައްކަތަކުގެ އިތުރުން ކުރީ ސަރުކާރުން ދެއްކި އަނިޔާވެރިކަމަށް އަލުން އަނބުރާ ދާން ބޭނުން ނުވާތީ ކަމަށެވެ.

މީގެ އިރުތުރުން ބޮޑު ތިލަދުންމަތީގެ 40 ރަށާއި 2 ސިޓީއަށް ރައީސް ވަޑައިގެންފައި ވާއިރު ބޮޑުތިލަދުންމަތީގައި ހިމެނޭ ތިން އަތޮޅުގައި އާބާދީގައި 71،599 ރައްޔިތުން ދިރިއުޅެއެެވެ. އެއީ ވޯޓުލާ އާބާދީގެ 45،962 މީހުންނެވެ.