މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތުން ދަތުރުފަތުރަށް 13.62 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުގައި ބުނާ ގޮތުގައި، ޓޫރިޒަމް ސިނާއަތަށް ދެވަނަ ކުއާޓަރުގައި ލިބުނު ކުރިއެރުންތަކަށް ބަލާއިރު، ޓޫރިސްޓް ބެޑްނައިޓްސް ވަނީ 3 ޕަސެންޓް އިތުރު ވެފައެވެ. ބެޑްނައިޓްތަކަށް އައިސްފައިވާ ކުރިއެރުންތަކުގެ އިތުރުން ދަތުރުފަތުރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، 6 ޕަސެންޓް އިތުރުވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތުން ދަތުރުފަތުރަށް ލިބިފައި ވަނީ 835.6 މިލިއަން ޑޮލަރެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ އަދަދަށް ވުރެ 47.8 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެހެންކަމުން މިދިޔަ ކުއާޓަރުގައި ލިބިފައިވާ ޖުމްލަ އާމްދަނީ އަކީ 883.4 މިލިއަން ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 13.62 ބިލިއަން ރުފިޔާއެވެ.

އެމްއެމްއޭ އިން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގަމުން އަންނަ ރިސޯޓުތަކުގެ އަދަދު ވަނީ 170 އަށް އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 169 ރިސޯޓް އޮޕަރޭޝަންސްގައި އޮތް އިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި އޮޕަރޭޝަންސްގައި އޮތީ 164 ރިސޯޓެވެ.

ދެވަނަ ކުއާޓަރުގައި ހިންގަމުން އަންނަ ރިސޯތްތައް އިތުރުވެފައި ވުމާ އެކު މި ސިނާއަތުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ ވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާ އިރު، ހަތް ޕަސެންޓް އިތުރުވެފައެވެ. ޖުމްލަ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީގެ ތެރެއިން 68 ޕަސެންޓް އެނދަކީ ރިސޯޓްތަކުގެ ކެޕޭސިޓީ ކަމަށާއި، ދެން އެންމެ ގިނަ ބެޑް ކެޕޭސިޓީގައި ހިމެނެނީ ގެސްޓްހައުސްތަކެވެ. އެއީ 24 ޕަސެންޓް އެނދެވެ.

ފަތަުރުވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ އިރު މި އަހަރުގެ ދެވަނަ ކުއާޓަރު ނިންމާލި އިރު، ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1.2 މިލިއަން އަށް އަރާފައެވެ. އެގޮތުން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ލިސްޓުން އެއްވަނައިގައި ރަޝިއާ އޮތް އިރު އިންޑިއާ ދެވަނައިގައި އަދި ޗައިނާ އޮތީ ތިން ވަނައިގައެވެ.