ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަން ބަޣާވާތަކުން ވައްޓާލިތޯ ބެލުމަށް ހަދާފައިވާ ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓު ގެއްލިގެން ފުލުހަށް ހުށަހަޅުއްވައިފި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ހދ. ނޭކުރަންދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ބަހުސްގައި ކެންޑިޑޭޓަކު ކޯނީ ރިޕޯޓުގެ ވަހާކަ ދެއްކެވި ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ރައީސް ވިދާޅުވީ، އެ ރިޕޯޓް މިހާރު އޮތް ތަނެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ރިޕޯޓް އޮތްތޯ ބަލަންޖެހޭ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ [ރިޕޯޓް ގެއްލުނު މައްސަލަ] ބެލުމަށް ފުލުހުންނަށް ހުށަހަޅާފައި ވާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެއީ ދައުލަތުގެ ކޮންކަހަލަ ބޮޑު ސިއްރެއް ކަން އެނގޭނީ އެކަން ބަލާ ތަހުގީގު ކުރުމުން ކަމަށެވެ.
ރައީސް އެހެން ވިދާޅުވި އިރު އެ ރިޕޯޓް ކޯނީގެ ވެބްސައިޓުގައި މިހާރުވެސް ފެންނަން އެބައޮތެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން އުފެއްދި ކޮމިޝަނުން ކޯނީ ރިޕޯޓްގައި ނިންމާފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ނޫން ކަމަށެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށް ގަބޫލު ކުރާ މީހުން އަދިވެސް ގިނައެވެ. އަދި އެ ދުވަހުގެ އެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނުން ނިންމާފައި ވާ ނިންމުމާ މެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދާ، ކޯނީ ރިޕޯޓުގެ ނިންމުމަކީ ވެސް ބަޣާވާތަކުން ވެރިކަން ބަދަލު ކުރުން ކަމަށް ރައީސް ނަޝީދާއި އޭނާއަށް ތާއީދު ކުރާ ފަރާތްތަކާއި އެމްޑީޕީގެ ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ފެބްރުއަރީ 7 ގެ ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ކޮމެޓީން 6 މަސް ވާންދެން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފު މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.