ހުސްވި ޑިސެމްބަރުގައި ދެކުނު އެފްރިކާގެ ކޭޕްޓައުނުން ކާގޯ ބޯޓެއް ފުރާ ހަތަިޔާރު ބަރުކުރި ކަމަށާއި އެތަކެތި ރަޝިއާ އަށް ސަޕްލައި ކުރި ކަމަށް އެފްރިކާގައި ހުންނަވަ އެމެރިކާ ސަފީރު ވިދާޅުވި މައްސަލަ ތަހުގީގުކުރުމަށް ފަހު އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް އެގައުމުގެ ރައީސް ސައިރިލް ރަމަޕޯސާ ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ، އެމެރިކާގެ ތުހުމަތުތަކާއެކު މިނިވަން ތަހުގީގެއް ހިންގާފައި ވާ ކަމަށާއި ތަހުގީގު ޕެނަލްގެ ރިޕޯޓަށް ބަލާ އިރު، ކޭޕްޓައުނުން ހަތިޔާރު ބަރުކޮށްގެން އެއްވެއް އުޅަނދެއް ރަޝިއާއަށް ގޮސްފައި ނުވާ ކަމަށެވެ. އަދި އެމެރިކާގެ އެ ތުހުމަތުތަކާ ހެދި އެ ގައުމުގެ ފައިސާގެ އަގު ދަށްވެ ގައުމުގެ ނަން ހަރާބުވެގެން ދިޔަ ކަމަށެވެ.

"ހަތިޔާރު ބޭރުކުރަން އެއްވެސް ހުއްދައެއް ދީފައެއް ނެތް، އަދި އެއްވެސް ހަތިޔާރެއްވެސް ބޭރުކޮށްފައެއް ނެތެ"

ނަމަވެސް އެ ތަހުގީގުން އެނގުނީ، އެފްރިކާއިން 2018 ގައި ރަޝިއާއިން އޯޑަރު ކުރި ހަތިޔާރު ޝިޕްމަންޓެއް ކޭޕްޓައުނަށް ގެނެސްފައި ވާކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފްރިކާގައި ހުންނަވާ އެމެރިކާ ސަފީރު މީޑިއާ އަކަށް މީގެ ކުރިން ވިދާޅުވެފައި ވަނީ ލޭޑީ އާރު ނަމަކަސް ކިޔާ އުޅަނދެއް ޑިސެމްބަރު 6-8، 2022 ގައި އެފްރިކާގެ ކޭޕްޓައުންގެ އަސްކަރީ ބޭހެއްގެ ބަނދަރުގައި އޮތް ކަމަށާއި އެއަށް ބަރުކުރީ ހަތިޔާރު ކަމަށާއި އެ ދިޔައީ ރަޝިއާއަށް ކަމަށެވެ.

ނަމަވެސް އޭނާ އެވާހަކަ ދެއްކެވިތާ އެއް ދުވަސް ފަހުން ވައިތް ހައުސް އިން ވަނީ އޭނާގެ ފަރާތުން މައާފަށް އެދިފައެވެ.

އެމްބެސެޑަރުގެ އެވާހަކަތަކާ ގުޅިގެން ތަހުގީގެއް ހިންގަވާނެ ކަމަށް އެގައުމުގެ ރައީސް އޭރު ވިދާޅުވެ، އެމެރިކާގެ އެތުހުމަތުތަކުގެ ސަބަބުން ގެއްލުންތަކެއް ވެއްޖެ ކަމަށް އޭރުވެސް ވިދާޅުވިއެވެ.

ސައިރިލް ވިދާޅުވީ، އެ ތަހުގީގުގައި އަސްކަރީ ބޭސްތަކަށް ޕެނަލިސްޓުން ޒިޔާރަތް ކޮށް 50 މީހެއްގެ ބަޔާން ނަގައި 100 އަށް ވުރެ ޑޮކިއުމަންޓް ބަލައި މައުލޫމާތު އެއްކުރި ކަމަށާއި، އެފަދަ ހާދިސާއެއް ހިނގާފައި ވާކަން އެއްވެސް ބަޔާނަކުންވެސް އަދި އެއްވެސް ލިޔެކިޔުމަކުންވެސް ފެންނަން ނެތް ކަމަށެވެ.

އެފްރިކާ އަކީ ރަޝިއާ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކަށް ވާއިރު، ޔޫކްރައިން ހަނގުރާމައާ ގުޅިގެން އެގައުމުން ގެންގުޅޭ ސިޔާސަތަކީ، ވަކި އަތަކަށް ނުޖެހުމެވެ.