މިއަހަރުގެ ދެވަނަ ކުއާޓަރު ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 594.14 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަސް ނިންމާލި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.15 މިލިއަން ޑޮލަރު ކަމަށް ބުނާ އިރު ޖުލައި މަސް ނިމުނު އިރު އެ އަދަދު މި ވަނީ 594.14 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

އެހެންކަމުން އެއް މަސް ދުވަހުގެ ތެރޭގައި ރިޒާވުން މި ވަނީ 108 މިލިއަން ޑޮލަރު މަދުވެފައެވެ. ޖުލައި މަހަކީ މި އަހަރު ތެރޭ ދައުލަތުގެ ރިޒާވުން އެންމެ ބޮޑަށް ދަށް ވި މަސް ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

ވޭތުވެ ދިޔަ ހަ މަސްތެރޭ ދައުލަތުގެ ރިޒާވް:

  • ޖެނުއަރީ: 789.97 މިލިއަން ޑޮލަރު
  • ފެބްރުއަރީ: 795.83 މިލިއަން ޑޮލަރު
  • މާޗް: 764.63 މިލިއަން ޑޮލަރު
  • އޭޕްރިލް: 756.81 މިލިއަން ޑޮލަރު
  • މެއި: 748.15 މިލިއަން ޑޮލަރު
  • ޖޫން: 702.16 މިލިއަން ޑޮލަރު
  • ޖުލައި: 594.14 މިލިއަން ޑޮލަރު

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 764 މިލިއަން ޑޮލަރު ހުރި އިރު މިދިޔަ އަހަރުގެ 4 ވަނަ ކުއާޓާ ނިންމާލި އިރު ހުރި ވަރުން އެއީ 100 މިލިއަން ޑޮލަރުގެ ދަށް ވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު 594 މިލިއަން ޑޮލަރު ރިޒާވްގައި ހުރި އިރު، އޭޕްރީލް މަހުން ޖުލައި މަހާ ދެމެދު ތިން މަސް ދުވަސް ތެރޭ މި ވަނީ 170 މިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ގައި ހުރީ 827.7 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ފަހު ކޮޅު ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައި ވަނިކޮށް އަހަރު ނިމުނު އިރު ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ވެސް ހަމަޖައްސާފައެވެ.

މިދިޔަ އަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައި ވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަން ގައެވެ.