އަންނަ ހޮނިހިރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ބައެއް ކެންޑިޑޭޓުން ކުރިމަތިލެއްވީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅުގެ ފިނޭއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ދޭ ވޯޓަކީ ގެއްލި ބޭކާރުވެގެން ދާނެ އެއްޗެއް ނޫންކަމަށެވެ. އަދި އިންތިހާބުގައި ބައެއް ކެންޑިޑޭޓުން ކުރިމަތިލައްވައިގެން ތިއްބެވީ އިންތިހާބު ދެވަނަ ބުރަކަށް ގެންދިއުމަށް ކަމަށެވެ.
އެގޮތުން އެއިން ކެންޑިޑޭޓަކަށް ދޭ ވޯޓަކީ ބޭކާރު ވޯޓެއް ކަމަށާއި ކޮންމެ ރައްޔިތަކު ވެސް ވޯޓު ދޭން ވީ ރައީސް ސޯލިހްއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެ ތަރައްގީ ކުރެވޭނެ ފަރާތަކީ އެމަނިކުފާނު ކަމަށްވުން ކަމަށާއި މިހާތަނަށް ރާއްޖެއަށް ގެނެވުނު ތަރައްގީއަށް ބަލާއިރު ހާއްސަކޮށް ރާއްޖެތެރޭގެ ރަށްރަށަށް މީން ޒަމާނަކު ނުގެނެވޭހާ ތަރައްގީ ގެނެވިއްޖެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަނަމަވެސް ތަފާތު ފެންނާނެ ކަމަށާއި އެއިން ފަރާތަކާ ވެރިކަން ހަވާލުވެއްޖެނަމަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ދެން ތިއްބެވީ އެއީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ތިބި ބައެއް ކަމަށާއި ވެރިކަން ލިބިއްޖެނަމަ ރައްޔިތުންނަށް އަޅާ ނުލާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ވާދަކުރައްވާ ކެންޑިޑޭޓުންނާމެދު ވިސްނާލަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދެން ވާދަ ކުރައްވާ ކެންޑިޑޭޓުންނަކީ ސަރުކާރުގެ އިސްމަގާމުތަކުގައި މީގެކުރިން ތިއްބެވި ބޭފުޅުން ކަމަށް ވާއިރު އަނިޔާވެރިކަން ނައްތާލަން ބޭނުންވާ ކަމަށްބުނެ ނުކުމެ ރައްޔިތުން ހިފާ ހައްޔަރު ކުރާނެ ކަމަށެވެ.