ދަމު ނަމާދު ކުރައްވައިގެން ފަތިސް ނަމާދަށް ބަންގި ގޮވަންދެއް އިންނަވަނީ ޤުރުއާން ކިޔަވާ ވިދާޅުވާން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭ ޓީވީއިން ގެނެސްދިން ރައީސް ސޯލިހުގެ ހާއްސަ އިންޓަވިއުއެއްގައި އާންމުކޮށް ދުވަސް ހޭދަކުރުމާ ގުޅޭގޮތުން ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ ކެމްޕެއިން ދުވަސްވަރު ނޫންނަމަ އާއްމު ގޮތެއްގައި މަސައްކަތް ކުރައްވާ ދުވަސްތައް ތަފާތު ކަމަށެވެ. އެގޮތުން އާންމުކޮށް ހޭފުޅުލައްވަނީ ފަތިހު 4 އާއި 4:15 އާ ދެމުދު ކަމަށާއި ތެދުވެ ވަަޑައިގެން ދަމުނަމާދު ކުރެއްވުމަށް ފަހު ފަތިސް ނަމާދު ބަންގި ގޮވަންދެއް އިންނަވަނީ ޤުރުއާން ކިޔަވާ ވިދާޅުވުމަށް ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"އާންމުކޮށް އަޅުގަނޑު ހޭލަނީ 4 އާއި 4:15 ހާއިރު އެ ދޭތެރޭގައި. ތެދުވެ ދަމުނަމާދުކުރަން. ކޮށްފައި ފަތިސް ނަމާދު ބަންގި ގޮވަންދެއް ގުރުއާން ކިޔަވަން"
ރައީސް ސޯލިހު

ބައެއް ދުވަސްދުވަހު ޤުރުއާނުގެ ތަރުޖަމާވެސް ވިދާޅުވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފަތިސް ނަމާދަށް ބަންގި ގޮވުމުން ނަމާދު ކުރައްވައިގެން ލިބިވަަޑައިގަންނަވާ ވަގުތުގައި ދުވަހުގެ ކުރިއަށް ހުރި ކަންތައްތަކާ ދޭތެރޭގައި ކުޑަކޮށް ވިސްނަވާލައްވާ ފިކުރު ހިންގަވާލައްވާ ކަމަށެވެ. އަދި މާ ބުރަކޮށް އުޅުއްވާ ދުވަހެއް ނަމަ ކުޑަކޮށް އަރާމުކުރައްވާ ކަމަށާއި އާންމު ގޮތެއްގައި ހެނދުނު ކަސްރަތު ކުރެއްވި ނަމަވެސް މާ އަވަހަށް އޮފީހަށް ވަޑައިގަންނަވަން ޖެހިވަަޑައިގަންނަވާނަމަ ހަވީރަށް ކަސްރަތުކުރެއްވުން ލަސްކޮށްލަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އޮފީހަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތުމަށް ފޯނުގައި ހުންނަ މެސެޖުތަކާއި ނޫސްތަކުގެ ސުރުހީ ބައްލަވާލުން ފަދަ ކަންކަން ކުރައްވާ ކަމަށެވެ. އަދި 9 ޖަހާއިރަށް އޮފީހަށް ވަޑައިގަތުމަށްޓަކައި 8:45 ހާއިރު ގެކޮޅުން ނިކުމެ ވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އޮފީހަށް ވަޑައިގަތުމަށް ފަހު އޮފީހުގައި ވަކި ގަޑިއިރެއް ހޭދަކުރައްވަނީ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާ ބައްދަލުކުރައްވަން ކަމަށާއި ކޮންމެ ދުވަހަކުވެސް ވަކި ވަރަކަށް ވަޒީރުންނަށް ވެސް ފުރުސަތު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެންދުރު ފަރީއްކުޅުވަން 1:30 ހާއިރު ގެއަށް ވަޑައިގަންނަވާ ކަމަށާއި 2:30 ހާއިރު އޮފީހަށް ވަޑައިގަތުމުގެ ކުރިން ފޯނަށް ލިބިވަޑައިގެންފައިވާ މެސެޖުތަކާއި ކުރައްވަން ޖެހިވަަޑައިގަންނަވާ މުހިއްމު ފޯނު ކޯލުތައްވެސް ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އޮފީހުގައި މެންދުރުފަހުގެ ވަގުތުތައް ހޭދަކުރައްވަނީ އަމިއްލަ ފަރާތްތަކާ ބައްދަލުކުރައްވަން ދޫކޮޮށްފައިވާ އެޕޮއިންޓްމަންޓްތަކުގެ އިތުރުން ކައުންސިލްތަކާ ބައްދަލުކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 5:30 ހާއިރު އޮފީހުން ގެއަށް ވަޑައިގެން 30 އަކަށް މިނެޓް އަރާމުކުރެއްވުމަށް ފަހު ރޭގަނޑުގެ 11:30 ވަންދެން ހޭދަކުރައްވަނީ މަސައްކަތުގައި ކަމަށާއި އެގޮތުން ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރައްވައި ނިންމަވަން ޖެހިވަަޑައިގަންނަވާ ކަންކަން ނިންމެވުމުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރޭގަނޑު 12 ޖަހާއިރު އާންމުކޮށް ނިދިކުރައްވަން ކޮޓަރިކޮޅަށް ވަޑައިގަންނަވާ ކަމަށެވެ.