މިއަދު ވޯޓު ނެގި ކަމުގައި ވިޔަސް އެއްބުރުން ކާމިޔާބުވެވަޑައިގަންނަވާނެ ޔަގީންވެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހުރިހާ ރަށަކުން ފެންނަނީ އެއްބުރުން މިކަން ނިންމަން ހުރި ކަމަށާއި ސެޕްޓެމްބަރު 9 ވަނަ ދުވަހު ވޯޓު ނަގާނަމަ އެއަށްވުރެ ބޮޑަށް ކާމިޔާބު ވެވަޑައިގަންނަވާނެ ކަމަށެވެ.
މީގެ ކުރިން ރައްޔިތުން މަޖިލީހުގައި އޮޅުވެލިފުށި ތަމްސީލުކުރައްވަން 15 އަހަރު އިންނެވިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އޭރުވެސް އޮޅުވެލިފުށި އޮތީ އަޅާނުލާ ދޫކޮށްލާފައި ކަމަށާއި އެކަން ބަދަލުކުރަން އޭރުވެސް މަސައްކަތްކުރެއްވި ކަމަށެވެ. އަދި އެ ތިން ދައުރުގެ ތެރޭގައި އެންމެ ދައުރެއް ފިޔަވާ މުޅިންވެސް އިންނެވީ ސަރުކާރާ އިދިކޮޅު މެންބަރެއްގެ ގޮތުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެހެންނަމަވެސް ކޮންމެ ފަހަރަކު އެ ރަށްތަކުން ނިކުމެ ތާއީދުކޮށް ހޮވައިދެއްވަމުން ގެންދެވި ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ.
ރައީސް ސޯލިހު ވިދާލުވީ އޮޅުވެލިފުއްޓަށްވެސް ތަފާތު އިންގިލާބީ ބަދަލުތަކެއް ގެނެވޭ ކަމަށާއި ވަކި ރަށެއް ވަކި އަތޮޅެއް ތަފާތުނުކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްފދިނުމަށް މަސައްކަތްކުރެއްވި ކަމަށެވެ. އަދި އޮޅުވެލިފުށީގެ ބައެއް މަސައްކަތް ފެށި ނިމެމުންދާ ކަމަށް ރައީސް ވަނީ ވިދާލުވެފައެވެ.
ގައުމެއްގެ ތަރައްގީގެ މޭވާއަކީ އުފާވެރި ހަމަޖެހޭ ގައުމަކަށްވުން ކަމަށާއި ރައްޔިތުން އުފަލާ ހަމަޖެހުން ނުލިބޭ ކަމަށް ވަނީ ނަމަ މުއްސަނދި އަދި ފުދުންތެރިވިޔަސް ތަރައްގީވެފައި އޮތް ގައުމެކޭ ނުބުނެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އޮޅުވެލިފުށި ބާކީވެފައި އޮއްވާ އެ ސަރަހައްދަށް ޓޫރިޒަމް އަތުވެއްޖެ ކަމަށާއި ވަޒީފާތައް ލިބެން ފަށައިފި ކަމަށެވެ. އަދި އޮޅުވެލިފުއްޓަކީ ރަށު ފަތުރުވެރިކަމަށް އެންމެ ފައްކާ ރަށް ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރީތި ގޮނޑުދޮށެއްގެ އިތުރުން އެ ރަށާ ކައިރީގައި ބައިވަރު ރަށްތައް އެބަ ހުރި ކަމަށެވެ. އަދި އެކަމަށް އިންވެސްޓް ކުރަން ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަށް ވުރެ ތަފްސީލު އަދި ރައްޔިތުންނަށް ފައިދާކުރާނެ މެނިފެސްޓޯއެއް ހިފައިގެން ނިކުމެ ހުރި ކެންޑިޑޭޓެއް ނުހުންނަވާނެ ކަމަށާއި އެމަނިކުފާނު ވަޑައިގެން ރަށްތަކުން ފެނިވަޑައިގަތީ ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުވެވަޑައިގަންނަވާ ތަން ކަމަށެވެ.
އޮޅުވެލިފުއްޓަށް ރައީސް ސޯލިހު ވެވަޑައިގެން ވައުދުފުޅުތައް:
- ބިން ހިއްކާ ފްލެޓް ނޫނީ ރޯ ހައުސް އަޅައިދިނުމަށް
- ނަރުދަމާ ނިމުމުން ޒަމާނީ ފެންވަރަށް ތާރުއަޅާ މަގުތައް ހަދައިދިނުމަށް
- ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމަށް
- އޭޓީއެމްގެ ހިދުމަތް ފެށުމަށް
- ކައުންސިލްގެ އާ އިމާރާތް އެޅުމަށް
- އިތުރު މިސްކިތެއް އެޅުމަށް
- ބިން ހިއްކާ ނިމޭއިރު ޕިކްނިކް ބީޗެއް ހެދުމަށް
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އޮޅުވެލިފުށި ރައްޔިތުނަށް އެމަނިކުފާނު ޓެސްޓުކުރެވިފައިވާނެ ކަމަށާއި އެމަނިކުފާނަކީ އޮޅުވެލިފުށި ރައްޔިތުންނާ ދުރު ބޭފުޅެއް ނޫން ކަމަށެވެ. އަދި ބޮޑު އަޣުލަބިއްޔަތަކުން އޮޅުވެލިފުށިން ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.