ކާޑެއްދޫ އެއާޕޯޓް، ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާނަމަ ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއަޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވެވަޑައިގެންފިއެވެ.

ރޭ ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގއ. ވިލިނގިލީގައި އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާ އެކު އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ނުވާކަމުގައި ވަންޏާ، އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓާއެކީގައި މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބެން ފަށާނެ
ސޯލިހު

ތިނަދޫއަށް މި ސަރުކާރުން ސިޓީއެއްގެ ދަރަޖަ ދީފައި ވާއިރު، ރައީސް ވިދާޅުވީ، ތިނަދޫއަށް ސިޓިއެއްގެ ދަރަޖަ ދިނުމަށް ފަހު ގެންނަވާނީ ހެޔޮ ބަދަލެއް ކަމަށާއި، ތަރައްގީގެ ބޮޑެތި މަޝްރޫއުތައް އެ ސީޓީގައި ހިންގަވާނެ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބަޔަކާ މިހާރުވެސް ހަވާލު ކޮށްފައި ވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ, ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިނަދޫ ކޮމާޝަލް ހާބަރަށް ބޭރުން ސީދާ ބޯޓު ފަހަރު އައިސް މުދާ ބާލައި, މުދާ ބަރުކޮށްގެން ރާއްޖެއިން ބޭރަށް ގެންދާނެ ކަމަށެވެ. އެއާއެކު ކަސްޓަމްސް އާއި އިމިގްރޭޝަނާއި އެމްޕީއެލް ފަދަ އެތައް މުއައްސަސާއެއްގެ މަސައްކަތް ފެށުމުން އެތައް ސަތޭކަ ވަޒީފާއެއް އުފެދިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ތިނަދުއަކީ އޮގަސްޓް 30، 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއް ކަމަށާއި ރައީސުލް އެގޮތަށް ކަނޑައަޅުއްވާފައި ވަނީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ގާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަހައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ އެކަށައެޅުއްވި ގަރާރުގައި ބަޔާން ކުރައްވާފައި ވެއެވެ.

ތިނަދޫ ސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަހައްދުގެ އަދަދު 5 އަކަށް ބަދަލުވެގެން ދިޔައީއެވެ.

ތިނަދޫގެ ކައުންސިލުން އެ ރަށް ސިޓީއަކަށް ބަދަލު ކުރުމަށް މީގެ ކުރިން ހުށަހެޅިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ހުށަހެޅުމަށް ފަހު އޮކްޓޯބަރު މަހުވެސް ހުށަހެޅި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން އެ ހުށަހެޅުން ހުށަހެޅުމުން ލާ މަރުކަޒީ ގާނުނުގައިވާ ގޮތުގެ މަތިން އެ ރަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ރަށުގައި ފުރިހަމަވާން ޖެހޭ ކަންތައްތައް ފުރިހަމަވޭތޯ ބައްލަވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސިޓީއަކަށް ބަދަލު ކުރުމަށް ފުރިހަމަވާން ޖެހޭ ކަންކަން އެ ރަށުގައި ފުރިހަމަވާ ކަމުގެ ލަފާ ލިބިވަޑައިގަތުމުން ތިނަދޫއަކީ ސިޓީއެއް ކަމަށް ކަނޑައަޅުއްވައި އެ ގަރާރުގައި އިއްޔެ މާލޭގައި ހުންނަވައި ސޮއިކުރައްވާފައިވާ ކަމަށެވެ.