ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ ޒާތީ ވާހަކަ ދެއްކޭނެ ކަމަށާއި، ނަމަވެސް އެފަދަ ވާހަކަ އެއް ދައްކަވަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ސާފު ކެމްޕެއިނެއްކޮށް އިންތިހާބު ކާމިޔާބުކުރަން ކަމަށް ވިދާޅުވެ، ޕީއެންސީގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސްޕޯކްސްޕާން އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް، ރައީސްގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް ރައްދު ދެއްވައިފިއެވެ.

ރައީސްގެ ފަރާތުން ކޮންމެ ދުވަހަކު މާރިޔާ ދެއްވާ ޕްރެސް ކޮންފަރެންސްތަކުގައި ރައީސްގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އަބަދު ވެސް މުއިއްޒަށް ރައްދުދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން އެއް ދުވަހަކު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޒާތީ ވާހަކަ ދެއްކެވުމުން، މާރިޔާ އަށް ފާޑުކިއުން އަމާޒުވިއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހަދަން ޖެހޭ ކަމަށާއި، ނަމަވެސް އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ފެންނަނީ އިންތިހާބަށް އިންތިހާ އަށް ނުފޫޒު ފޯރުވައި، ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދައްކާ މަންޒަރު ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން މިކަން ހުއްޓުވައި ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

"މީގެ ތެރޭގައި މުވައްޒަފުން ލައްވާ ކެމްޕެއިންގެ މަސައްކަތް ގަދަބާރުން ކުރުވުމާއި، ވަކި ގޮތަކަށް ވަކި ބަޔަކަށް ވޯޓު ދޭން މަޖުބޫރުކުރުވުމާއި، ވަޒީފާގެ ބިރު ދެއްކުމާއި، އަދި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕެއިންކުރަމުން ގެންދާ މައްސަލަތައް އެބަޖެހޭ އިލެކްޝަންސް ކޮމިޝަނުން ހުއްޓުވަން،" ތޮލާލް ވިދާޅުވިއެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ޝަކުވާ ހުށަހަޅަންދެން އިލެކްޝަންސް ކޮމިޝަނުން ތިބެން ޖެހޭތޯ ސުވާލު އުފައްދަވައި ތޮލާލް ވިދާޅުވި ގޮތުގައި، އިންތިހާބާބެހޭ މަސައްކަތްތައް ކުރުމުގެ އިތުރުން، އިންތިހާބަކީ އިންސާފުވެރި މިނިވަން އިންތިހާބަކަށް ހެދުމަށްޓަކައި އެ ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭނެއެވެ.

"މި ހިސާބަށް އައިސް ގޯތި ދީ، އަދި އެހެން ކަންކަން ކޮށް، ބައެއް ސަރަހައްދުތަކަށް ސިޓީގެ ދަރަޖަ ދީ، ބައެއް ތަންތަނުގަ ކަނޑުއަޑިން ގޯތި ދީ ރޯނު ދަމައި އިން ވަކިކުރުން މިއީ ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން މިހާރަކު،" އިންތިހާބުގެ ދުވަސްވަރު ރައީސް ރަށްރަށަށް ވަޑައިގެން ކެމްޕެއިންގެ ތެރެއިން މަޝްރޫއުތައް އިފްތިތާހުކުރައްވައި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާތީ އެކަން ފާހަގަކުރައްވައި ތޮލާލް ވިދާޅުވިއެވެ.

ހަމަ އެއާއެކު، މާރިޔާ ދައްކަވާ ވާހަކަތަކަށް ވެސް ތޮލާލް ރައްދުދެއްވިއެވެ. އެގޮތުން މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޒާތީ ވާހަކަ މާރިޔާ ދެއްކެވިކަން ފާހަގަކުރައްވައި، ތޮލާލް ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އާއިލާ އާ ގުޅޭ ވާހަކަަ ވެސް އިދިކޮޅަށް ދެއްކޭނެ ކަމަށާއި، ނަމަވެސް އެފަދަ ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ރީތި ވަރަށް ސާފު ކެމްޕެއިނެއް ކޮށްގެން އިންތިހާބު ބޮޑުތަނުން އެއްބުރުން ޑރ. މުއިއްޒު ކާމިޔާބުކުރައްވަން"

ތޮލާލް ވިދާޅުވީ، ސިޓީގެ ދަރަޖަ ބައެއް ރަށްރަށަށް ދިނުމަށް ވުރެ، އުޅަނދުފަހަރުގެ ސްޓިކާ ޖެހުން މައާފްކޮށްދީ، އެކަނިވެރިންނަށް ސަރުކާރުން އެލަވަންސް ދިނުމުން އެފަދަ ކަންކަން ބަލައިގަންނާނެ ރައްޔިތުން ގިނަ ވާނެ ކަމަށެވެ.

ސަރުކާރުން މި ދުވަސްވަރު މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށް މަޝްރޫއުތައް ހަވާލުކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަމިއްލަ އަށް އިސްނަގައިގެން މިކަންކަން ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަނީ އޭސީސީން ކަމަށާއި، ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް މިފަދަ މައްސަލައެއް ހުށަހެޅިފައިވާ ނަމަ، އެ މައްސަލަތައް އެ ކޮމިޝަނުން އޭސީސީ އަށް ފޮނުވާ ކަމަށެވެ.