އެމްޑީޕީގެ މާލެ ސަރަހައްދުގެ ތަސައްވަރު ހުކުރު ދުވަހުގެ ރޭ ހާމަކުރަން އެ ޕާޓީއިން ނިންމައިފިއެވެ.
އެމްޑީޕީއިން ބުނީ މާލެ ސަރަހައްދުގެ ތަސައްވަރު ހާމަކުރާނީ އެ ރޭ ބާއްވާ އުފާވެރި އަމާން ރާއްޖެ ކެމްޕެއިންގެ މާލެ ޖަލްސާގައި ކަމަށެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ ކާނިވާ ސަރަހައްދުގައި އެ ރޭ 8:30 ކަމަށް އެމްޑީޕީއިން ބުނެއެވެ.
މި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިން މޭޓް މުހައްމަދު އަސްލަމް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށް ދަތުރު ކުރައްވާފައެވެ.
މިއަދު ރައީސް ގދ. ތިނަދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު މިރޭ އެ ރަށުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ.
އެމްޑީޕީއިން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ ސިޔާސަތުތަކާއި ޕްލޭންތައް ހުށަހަޅާފައި ވާއިރު ފަސް ބަޔަކަށް ބަހާލައިގެން އެ ޕާޓީގެ މެނިފެސްޓޯވެސް ވަނީ އިއުލާނު ކޮށްފައެވެ.